ކޯލިޝަން ޕާޓްނަރ، ނަޝީދު ހައްޔަރު ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވުމުން ހިތާމަކުރަން - ގާސިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށްފަހު އަލުން ހައްޔަރު ކުރަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވާފައިވާއިރު، އެ ޓްވީޓުގައި ވަނީ، "ކޯލިޝަން ޕާޓްނަރ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލާން ޖެހޭ ކަމަށް، ޖޭޕީގެ މެމްބަރު އުމަރު ނަސީރު ބުނެފައިވާތީ،" ހިތާމަކުރާ ކަމަށެވެ.
އުމަރުގެ ޓްވީޓާއި ގުޅިގެން ގާސިމް ހިތާމަކުރާކަން ހާމަކުރެއްވިއިރު އުމަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ހުކުމް ސަރުކާރުން ތަންފީޒު ކުރުމަށްފަހު ސިޔާސީ ފަރާތްތައް ދޫކޮށްލަންޖެހޭ ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނާގޮތަށް ދޫކުރުމަށްފަހު އަލުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރަން ޖެހޭ ކަމަށް އެ ޓްވީޓުގައި އުމަރު ވިދާޅުވެފައި ވެއެވެ.
ގާސިމްގެ އިތުރުން އުމަރުގެ ޓްވީޓާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ރިޔާޒު ވިދާޅުވީ، "ސުޕްރީމް ކޯޓުން ނަޝީދު މިނިވަން ކުރުމަށް ނިންމި ނިންމުމަކީ ޖޭޕީން އެކަމަށް މަރުޙަބާ ކިޔާ ކަމެއް. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމުގައި ހިމެނޭ ލީޑަރުންނަށާއި އެންމެހައި މެމްބަރުންނަށް ޖޭޕީގެ އެންމެހާ މެމްބަރުން އިޙްތިރާމް ކުރުމަށް" ދަންނަވާ ކަމަށެވެ.
އުމަރުގެ ޓްވީޓާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ އިތުރުން ގުޅިގައިވާ އެހެން ޕާޓީތަކުގެ އިސް ފަރާތްތަކާއި މެމްބަރުންވެސް ވަނީ ނުރުހުން ފާޅުކުރަމުންނެވެ.
ރައީސް ނަޝީދު އަލުން ޖަލަށް ލާން ޖެހޭ ކަމަށް ވިދާޅުވެ އުމަރު ޓްވީޓެއް ކުރެއްވީ، ސުޕްރީމް ކޯޓުން ނަޝީދު ދޫކުރުމަށް އަމުރު ކުރުމާއެކު އެމްޔޫއޯގެ ނަމުގައި ހެދި ކޯލިޝަންގެ މަޝްވަރާ ދޫކޮށްލައްވައި، ނަޝީދު ވެރިކަމަށް ކުރިމަތި ލައްވާނެކަން ހާމަކުރެއްވުމާއި ގުޅިގެން ކޯލިޝަން ބައިބައިވެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ