ސުޕްރީމް ކޯޓުގެ އަމުރުގައި އުނިކަންކަން އެބަހުރި، އެކަމަކު އަމުރު ތަންފީޒުކުރަންޖެހޭނެ: ސުއޫދު

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރުގައި އުނިކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ އަމުރު ވަގުތުން ތަންފީޒު ކުރަންޖެހޭނެ ކަަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބާރުތަކާ ގުޅޭގޮތުން ހުރި ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރަކުން ޖޭއެސްސީގެ ބާރުތައް ހަނިވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ ވަގުތުން އަމުރު ތަންފީޒު ކުރަންވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މައްސަލަތަކެއް ހުރި ނަމަ އެކަން އިސްލާހުކުރަން މަސައްކަތް ކުރަންވާނީ އަމުރު ތަންފީޒު ކުރުމަށްފަހު ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި މައްސަލަތަކެއް ފާހަގަކުރައްވާ ބަންޑާރަނައިބް މުހައްމަދު އަނިލްއާއި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރަމުންދާތީ ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސްކުރުމަކީ އެ ދެ ބޭފުޅުން ކޯޓުގެ ހުރުމަތްކެނޑާލުން ކަަމަށެވެ. އަދި ވިދާޅުވީ ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ދިރާސާކުރަނީ ކަމަށް ބުނެ ތަންފީޒުކުރުން ލަސްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ޕީޖީ އާއި ބަންޑާރަަނައިބަށް ލިބިގެން ނުވާ ކަމަށެވެ.
ޝަރުއީ ކޯޓުގެ ނިންމުމަކަށް ކިޔަމަން ނުވާނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބަށް ނުދެންނެވޭނެ ކަމަށާއި އެގޮތަށް ވިދާޅުވާނަމަ އެބޭފުޅަކު އެ ހުންނެވީ ވަކީލު ކަމުގެ ޝަރުތު އުނިވެފައި ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން އެގޮތަށް ވިދާޅުވާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެެސް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޝަރުއީ ދާއިރާ އިންވެސް ގޯސްކޮށް ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެވާހަކަތައް އެބޭފުޅުން މީގެކުރިން ތަކުރާރުކޮށް ދެއްކެވުމުން ސުޕްރީމް ކޯޓުން އެބޭފުޅުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެބޭފުޅުން މީގެކުރިން ދެއްކެވި ވާހަކަތަކަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި އިއުތިރާްފްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭތޯ ދެންނެވުމުން ސުއޫދު ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ޝަރުތެއް އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓަށް ކަނޑައެޅިދާނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިގެން އެމައްސަލަ ބަލައި މަޖިލީހުން ފާސްކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖެއްސަވާނަމަ ސަރުކާރުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި މިއީ ސަރުކާރުން ލީޑަޝިޕް ދައްކަވަންވީ ވަގުތު ކަމަށާއި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ މިއީ އެކަމެއް އިސްލާހުކުރަންވީ ވަގުތު ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ