މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމަން ޖެހޭ އިތުރު ކަމެއް ނެތް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުންގެ ގޮނޑީގެ މައްސަލައާއި ގުޅިގެން އިތުރަށް ނިންމަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޕާޓީން ވަކިކުރުމުން މެންބަރުން މެންބަރުކަމުން ވަކިވާނެކަމަށް ނިންމާ އެކޯޓުން 13 ޖުލައި ގައި ކުރި ޙުކުމަކީ އަދި އެޙުކުމުގެ ފަހުން ނެރުނު ކޯޓު އަމުރަކީ 13 ޖުލައިގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ އަޙްކަމާތަކެއް ކަމަށެވެ. ގޮނޑީގެ މައްސަލަ ކޯޓަށް ވެއްދީ ޕީޕީއެމުން ވަކި ކުރި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ހަތަރު މެންބަރުންގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަމާއި އެހެންކަމުން އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ.ސުޕްރީމް ކޯޓުގެ މިހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ