1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރުމަށް ގޮވާލައި މިއަދު ހަވީރު މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖު ހަވީރަށް ނިންމާލިތަނުން ފުލުހުން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު ދޫކޮށްލައިފިއެވެ.
އަމީތު ދޫކޮށްލިކަން ހާމަކުރައްވާފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ނަމަވެސް އަމީތުގެ ފޯނު ނިވާލާފައި އޮތުމުގެ ސަބަބުން އިތުރު މައުލޫމާތެއް ސާފުވާގޮތެއް ނުވެއެވެ.
އަމީތުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުވެސް ފުލުހުން މިއަދު ހަވީރު ހައްޔަރުކުރިއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ފުލުހުންވަނީ އަބްދުﷲ އަހްމަދުވެސް ދާދި ދެންމެއަކު ދޫކޮށްލާފައެވެ.
މިއަދު ހަވީރު ބޭއްވި އިހުތިޖާޖު ހަވީރު ހައެއް ޖެހުމާއެކު ނިންމާލުމަށްފަހު އިހުތިޖާޖުގެ ބައިވެރިން ހިނގައިގަތީ، ރޭގެ މުޒާހަރާގައި ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ދެރަވެ މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ކޯމާއެއްގައިއޮތް މީހާއަށް ޒިޔާރަތް ކުރުމަށް ކަމަށް ވެއެވެ.
ނަމަވެސް، ހެންވޭރު ދަނޑާ ހިސާބުން ފުލުހުންވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅާފައެވެ.
އަދި އެތަނުން މެމްބަރު މުހަންމަދު އަމީތުއާއި، އަބްދުﷲ އަހްމަދުގެ އިތުރުން، އާންމުންގެ އިތުރު ބަޔަކުވެސް ހައްޔަރު ކުރިކަމަށް މަންޒަރު ދުށް ނޫސްވެރިން ބުނެފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސްޓެޕް އައްޔަވެސް ހިމެނެއެވެ.
މެމްބަރު އަމީތުއާއި އަބްދުﷲ އަހްމަދު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ