ގާޒީ ބާރީ ރިޝްވަތު ނެންގެވިކަން ސާބިތުކުރާނެ ހެއްކެއް ނުލިބުނު: އޭސީސީ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ބެއްލެވި މައްސަލަތަކުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ ސާބިތުކުރާނެ އެއްވެސް ހެއްކެއް ނުލިބުނު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.
އޭސީސީއިން އެ މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
އެކޮމިޝަނުގެ ނިންމުމުގައި ބުނެފައި ވަނީ، ފަނޑިޔާރުން ކޮންމެ އަހަރަކު އެއް ފަހަރު މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަންޖެހޭއިރު، 2010، 2011، 2012 ވަނަ އަހަރު ގާޒީ ބާރީ އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ބަޔާންތަކުގައި ހާމަކޮށްފައިނުވާ ފައިސާގެ މުޢާމަލާތުތަކެއް ގާޒީ ބާރީގެ އެކައުންޓް ސްޓޭޓްމަންޓްތައް ބެލިބެލުމުން ފާހަގަކުރެވުނު ކަމަށެވެ.
ނަމަވެސް، އެ ފައިސާއަކީ ގާޒީ ބާރީ ބައްލަވަމުން ގެންދެވި މައްސަލައަކާ ގުޅިގެން ލިބިފައިވާ ފައިސާއެއްތޯ ބެލުމަށް، އެ ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރިއިރު، އެ ފަރާތްތަކާ މެދު ތުހުމަތުކުރެވޭ ޖިނާޢީ މައްސަލައެއް ދިވެހިރާއްޖޭގެ ޖިނާއީ މައްސަލަތަކާ ބެހޭ އެއްވެސް މުއައްސަސާއެއްގައި ނެތްކަން ފާހަގަކުރެވިފައިވާތީ، މިމައްސަލައިގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބުނާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމާއި އެކު އެ މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، އޭސީސީ އިން ވަނީ މައްސަލަ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ