ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށް ޑޮކްޓަރު ލަފާ ދީފި: ވަކީލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގެއަށް ބަދަލުކުރުމަށް އެމަނިކުފާނު ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް ރައީސް މައުމޫންގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ފުލުހުންނަށް ފާޑު ވިދާޅުވަމުން، ވިދާޅުވީ ޑޮކްޓަރު ލަފާ ދެއްވާފައިވަނީ ރައީސް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށާއި އެމަނިކުފާނުގެ މުޅި އާއިލާ ހައްޔަރު ކުރުމަށް ނޫން ކަމަށެވެ.
ވަކީލް މައުމޫން މިގޮތަށް ޓްވީޓް ކުރައްވާފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން "ޔުމްނާ މައުމޫންގެ މައްޗަށް ވެސް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގައިފި" ކަމަށް ބުނެ ވީނިއުސްގައި ޖަހާފައިވާ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކު ކުރެއްވި ޓްވީޓްގަ އެވެ.
ރައީސް މައުމޫންގެ އާއިލާއާ މެދު ފުލުހުން ކަންކުރައްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، މައުމޫން ހަމީދު ވިދާޅުވީ ޔުމްނާ މައުމޫން ފުލުހަށް ހާޒިރު ކުރާއިރު އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫނާއި ކޮއްކޮ ފާރިސް މައުމޫނާއި، ފިރިކަލުން މުހައްމަދު ނަދީމަށްވެސް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ، މައުމޫން ހަމީދު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާ އިއްޔެ ބައްދަލުކުރެއްވުމަށްފަހު ޑޮކްޓަރުގެ ލިޔުން ލިބިވަޑައިނުގެން ތިން ގަޑިއިރު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އެހާ ގިނަ ވަގުތު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތީ ޑޮކްޓަރުގެ ލިޔުން ވަކީލާ ހިއްސާކުރެއްވުމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ހުއްދަ ލިބިވަޑައިގަންނަވަންދެން ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާ އިން ބުނަމުންދާތީ ސިޔާސީ ޕާޓީތަކާއި، ޕާޓީތަކުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ އިންސާނިއްޔަތަށްޓަކައި ނަމަވެސް ރައީސް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ