"ޑެންގީ އިން ރައްކާތެރިވުމުގެ ޤައުމީ ކެމްޕޭން 2018" މާލެ ސަރަހައްދުގައި ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފިއެވެ.
މި ކެމްޕޭން މާލެ ސަރަހައްދުގައި ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޞިއްހީ ހިދުމަތް އެންމެހާ ރައްޔިތުންނަށްވެސް ފޯރުކޮށްދެއްވަން ޖެހޭ ކަމަށާއި ހަމަ އެގޮތަށް ބަލިތަކުން ރައްކާތެރިވުންވެސް ވަރަށް މުހިންމު ކަމަށެވެ.
ޑެންގީ ގިނަވަމުން އަންނަ ދުވަސްވަރަކަށްވާއިރު، ޑެންގީން ރައްކާތެރިވުމަށް ކުރެވޭ މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ޑެންގީ އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ މަދިރި އުފެދޭ ތަންތަން ނައްތާލުން ކަމަށްވެސް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތު ދެއްވި ގޮތުގައި ޑެންގީ އިން ރައްކާތެރިވުމުގެ ޤައުމީ ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ އިތުރުން ޑެންގީ ބައްޔަށް އާންމުން ހޭލުންތެރިކުރުމުގެ އިތުރުން މި ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން ޑެންގީ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަށް މަދުކުރުން ކަމަށެވެ.
މިއަދު ހެނދުނު ފެށި މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ 12 ސަރަހައްދެއް ބަލައި އެ ސަރަހައްދުތަކުގައި މަދިރި އުފެދޭ ގޮތަށް ހުރި ތަކެތި ނައްތާލާފައިވާއިރު، ނައްތާ ނުލެވޭ ގޮތަށް ހުންނަ ބޮޑެތި ތަންތަނަށް މަދިރި ބޭސް އަޅާފައިވެއެވެ. މި 12 ސަރަހައްދުގެ ތެރޭގައި އެޗް.ޑީ.ސީ އިން ފާހަގަ ކޮށްފައިވާ މަދިރި އާލާވެފައިވާ ސަރަހައްދުތަކާއި ހުޅުމާލެއިން ޑެންގޫ ފެނިފައިވާ ސަރަހައްދުތަކާއި، ސަކޫލްތަށް އަދި މިސްކިތްތައް ހިމެނޭ ސަރަހައްދުގެ އިތުރަށް މަދިރި އާލާވުމުގެ ފުރުސަތު ބޮޑެތި ސަރަހައްދުތަށް ހިމެނެއެވެ.
"ޑެންގީ އިން ރައްކާތެރިވުމުގެ ޤައުމީ ކެމްޕޭން 2018" ގެ ދަށުން ބައެއް އަތޮޅުތަކުގައި މިހާރުވެސް ބައެއް ޕްރޮގްރާމްތަށް ހިންގާފައިވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މައުލޫމާތު ދެއްވައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެކި ކުއައްސަސާތަކާއި ގުޅިގެން މާލެ، ވިލިނގިލީގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ޕްރޮގްރާމްތަކަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އޭޖެންސީން މައުލޫމާތު ދެއްވިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗް.ޑީ.ސީ)، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިވެހި ރެޑްކްރަސެންޓް، ހުޅުމާލެ ހޮސްޕިޓަލް، ޑަބްލިއު.އެޗް.އޯ މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމް.އެން.ޑީ.އެފް ގެ އިތުރުން އެހެނިހެން އަމިއްލަ ޖަމިއްޔާތަކާއި މުއްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ޑެންގީ އިން ރައްކާތެރިވުމާއި އާންމުން ހޭލުންތެރިކުރުމުގެ ޤައުމީ ބިޔަ މަސައްކަތެއް މިއަދު ފެށިގެންދިޔަ އިރު ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅަކީ ޑެންގީ ކޭސްތަށް ރިޕޯޓް ކުރެވޭ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
"ޑެންގީ އިން ރައްކާތެރިވުމުގެ ޤައުމީ ކެމްޕޭން 2018" މާލޭ ސަރަހައްދުގައި އިފްތިތާހް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ