މިހާރުވެސް އަޅުގަނޑުމެންގެ ގައުމަށް ހަމަލާދެމުން އެބަގެންދޭ - މިނިސްޓަރު އުމަރު

މިހާރުވެސް ރާއްޖެއަށް "ހަމަލާ" ދެމުންގެންދާ ކަމަށާއި އެކަން ކުރެވެނީ ތަފާތު ގޮތަކަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު އޮލިމްޕަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ހަމަލާދެމުން ގެންދަނީ ވިސްނުމަށާއި އަޅުގަނޑުމެންގެ އަގީދާ އަށާއި ގައުމާއި މެދު ދެކޭ ގޮތަށާއި އިސްލާމް ދީނަށް ކަމަށެވެ.
"މިއީ ލޮލަށް ނުފެންނަ ހަނގުރާމައެއް، އަތް ނުލެވޭ ހަތިޔާރުތަކެއް، ވީމާ ކޮންމެ ދިވެހި ދަރިޔަކު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކު، މި ނުކުތާތަކަށް ފަރުވާތެރިވުމަށް އަޅުގަނޑު ގޮވާލަން." މިނިސްޓަރު ވިދާޅުވި އެވެ.
މި ހަނގުރާމައިގައި އަޅުގަނޑުމެން ޝަހީދުނުވާނެ ކަމަށާއި މި ހަނގުރާމައިގައި ބޭނުންކުރާނީ ކަނޑި އާއި ބަޑި ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި ހަނގުރާމައިގައި އަޅުގަނޑު މަރުވެ ގޮސް ގައުމު ސުންނާފަތިވެ ގައުމު އެހެން މީހުންގެ "ޖީބަށް ވެއްޓިގެންދާނެ" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންކަމުން ގައުމަށް ވަފާތެރިވުމުގެ ޒަމީރަށް ތެދުވެރިވެ، ސާބިތުކަން އެ ޒަމީރަށް ދެވެން ޖެހޭ، ގައުމަށް އިހްލާސްތެރިވުމުގެ ރޫހަށް ދިރުން ގެންނަން ޖެހޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އިބުރަތްތަކެއް ހާސިލްވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން ދިވެހިންނަށް އިސްލާމް ދީން ނޫން އެހެން ހިޔާވަހިކަމެއް ނެތް ކަމާއި މިގައުމަށް ގައްދާރުވެއްޖެ ކޮންމެ ދިވެއްސެއްގެ ބަލިކުރާނެ ދިވެހިން ތިބޭނެ ކަން އެނގި ހާމަވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިންގެ މިނިވަންކަން ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ އިސްލާމް ދީން ކަމަށާއި އެނޫން އެއްވެސް ސަބަބެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ދުނިޔޭގައި މިނިވަން ކަންމަތީ އޮތް ގައުމުތުތަކަކީ ދުނިޔެއާއި ނުބައްދަލު އަސްކަރީ ބާރުތައް ކަމަށާއި މިނިވަން ކަންމަތީ ދެމިތިބުމަށް އެ ގައުމެއްގެ އަސްކަރީ ބާރު ބޭނުންކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް ދިވެހިންގެ ކިބައިގައި އެފަދަ ވަސީލަތެއް ނުވަތަ އެފަދަ ވިސްނުމެއް ވެސް ނެތް ކަމަށާއި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި އެތައް ގައުމެއްވާއިރު ދިވެހިރާއްޖެއަކީ އެފަދަ ހަޒާނާއެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ގައުމުތަކަކީ އިލްމީ ގޮތުން ގާބިލް، ތަފާތު އީޖާދީ ވަސީލަތްތައް ހެދުމުގެ ގާބިލްކަން ތިބި ގައުމުތައް، އެމީހުންގެ ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ އެހެން ގައުމުތަކަށް ފާރަވެރިވެ، އެތަންތަނުގެ ހުރިހާ ސިއްރެއް އެމީހުން އެތިބެނީ އެއްކޮށްލަ އެއްކޮށްލާ، ރާއްޖެއަށް ބަލާއިރު މިފަދަ ވަސީލަތެއް އަދި އެފަދަ ވަސީލަތަކާއި ކައިރި ކުރެވޭ ފަދަ ކުޑަ މިންވަރެއް ވެސް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު އުމަރު ވިދާޅުވީ މީގެކުރިން ރާއްޖެއަށް ކުރިމަތިވިއުދުވާނީ ހަމަލާތަކުން މިންޖުވެފައިވާ ކަމަށާއި "އަޅުވެތިކަމުގެ ނާމާންފުރަ މެންދަމުން، މިނިވަން ކަމުގެ އަމާން އަލި ފަތިހަކަށް" ނޭވާލާފައިވާ ކަމަށެވެ.
މިއަދު އޮލިމްޕަހުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ވަނީ މީގެކުރިން ޝަހީދުވެގެންދިޔަ ބައެއް ބޭފުޅުންގެ ނަންފުޅުތަކާއި އެބޭފުޅުން ޝަހީދުވެގެންދިޔަ ގޮތުގެ މައްޗަށް ބައްލަވާލައްވާ ވާހަކަދައްކަވާފައެވެ.
އެގޮތުން މީލާދީން 16 ވަނަ ގަރުނުގެ ތެރޭގައި ޕޯޗުގީޒުންގެ ރާއްޖެއަށް ވެރިވެގެނެ، ރާއްޖޭގެ ރަސްކަމާއި ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމް ދީން ރާއްޖެއިން ފޮހެލުމަށް މަސައްކަތްކުރި ކަމަށާއި އެމަސައްކަތުގައި ދިވެހިންގެ ބަޔަކު އެހީތެރިކަން ފޯރުކޮށްދިން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޕޯޗުގީޒުންނާއި ހަނގުރާމަކޮށް އަލި ރަސްގެފާނާއި އުތީމު އަލީ ތަކުރުފާނު ޝަހީދުވެގެންދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ބައެއް ޝަހީދުންގެ ނަންތައް ފާހަގަކުރެއްވި އެވެ. އެގޮތުން އަލި ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިސް ރަނިމަނިކުފާނާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ޝަހީދުވެގެންދިޔަ 19 ދިވެހިންގެ ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ