ޕީޖީގެ މަޤާމަށް މައުމޫން ޙަމީދާއި މުހުތާޒް މުޙްސިންގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވައިފި

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވެވި ދެ ނަމަކީ އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމަށްޓަކައިޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި 7 ބޭފުޅުންގެ ތެރޭގައި ހިމެނޭ ހ.މީނާޒް އަލްއުސްތާޛު މައުމޫން ޙަމީދުގެ ނަންފުޅާއި، ގއ.މާމެންދޫ ރަތްމަސްގޭ އަލްއުސްތާޛު މުހުތާޒް މުޙްސިނުގެ ނަންފުޅުވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައްވެސް، ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައެވެ. އެބޭފުޅުންނަކީ، މާފަންނު ވައިނުޖެހޭގޭ ޑޮކްޓަރ މަރްޔަމް ޒުލްފާ އާއި، ބ.ހިތާދޫ ރަނައުރާގޭ އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރާއި، ދަފްތަރު ނަންބަރު 5514 އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދާއި، ދ.މާއެނބޫދޫ މޫރިތި އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ގދ.މަޑަވެލީ މޭނާގޭ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އެންމެ ފުރަތަމަ ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވީ ވެސް މައުމޫން ހަމީދުގެ ނަމެވެ. ނަމަވެސް އެނަން ވަނީ މަޖިލީހުން ފާސްނުވެފަ އެވެ.
ދެވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން މައުމޫން ހަމީދު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެ އިއުލާން ބާތިލު ކުރައްވައި ރައީސް އޭރު ވިދާޅުވީ އަލުން އިއުލާން ކުރައްވަން ނިންމެވީ ކުރިމަތިލެއްވި ބޭފުޅުންގެ މަދުކަމުން ކަމަށެވެ.
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވީ 25 ނޮވެމްބަރު 2013 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ