ޑީއާރުޕީގެ އެތެރޭގެ މައްސަލަ ހައްލުވާނީ އަސާސީ ގަވައިދަށް އަމަލުކޮށްގެން: މައުމޫން

ޑީއާރުޕީގެ އެތެރޭގެ މައްސަލައަށް ހައްލެއް ގެނެވޭނެ އެންމެ ފަސޭހަ ގޮތަކީ އަސާސީ ގަވައިދުގައި އޮތް ގޮތަށް ކަންތައްތައް ކުރަން ފެށުން ކަމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ކުރި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަމަށް ދެކެވަޑައިގަންނަވާ އެންމެ ފަސޭހަ ގޮތަކީ އަސާސީ ގަވައިދުގައި އޮތްގޮތަށް ކަންތައްތައް ކުރަން ފެށުން ކަމަށާއި ގަވާއިދާ ހިލާފަށް މިހާރުވެސް އެތައް ކަމެއް ހިނގާފައި އެބަހުރި ކަމަށެވެ.
"އެއާ ދެކޮޅަށް ނުވަތަ އަސާސީ ގަވައިދާ ހިލާފަށް ކަންތައްތައް ކުރެވިފަ ހުރިއްޔާ އެކަންތައްތައް އަނބުރާ ގެނެސް އަސާސީ ގަވައިދާ އެއްގޮތަށް ކަންތައްތައް ކުރުން. އަނެއްކާ ޑީއާރުޕީއަކީ ފެށުނީއްސުރެ ޑިމޮކްރެޓިކް ޕާޓީއެއް. ޕާޓީގެ އެބަހުރި ގުނަވަންތަކެއް. ޕާޓީގެ އެބައޮތް ކައުންސިލެއް. އަދި އެބަހުރި އެހެން ގުނަވަންތައް. އެއިން ކޮންމެ ގުނަވަނަކަށް ވެސް އެ ގުނަވަނެއްގެ ބާރު ބޭނުންކުރުމުގައި އެ އިހުތިޔާރުގެ ބޭނުންކުރުން،" ޒައީމް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ލީޑަރާ ބެހޭ ގޮތުން ވެސް އަދި އެހެން އެއްވެސް ބޭފުޅަކާ ބެހޭ ގޮތުން ޒާތީގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައި ނޯންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަސާސީ ގަވައިދާ ހިލާފުވަންޏާ އެކަން ފާހަގަކުރައްވާނެ ކަމަށް ޒައީމް ވިދާޅުވި އެވެ.
"މިހާރު ވެސް ކިތަންމެ ކަމެއް އަސާސީ ގަވައިދާ ހިލާފަށް ހިނގާފައި އެބަހުރި. އަޅުގަނޑުއެކަން ލީޑަރަށް ]ކުރިން[ ސިޓީއަކުން ދަންނަވާފައިވާނެ،" މައުމޫން ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ ޕާޓީގެ ދެ ޑެޕިއުޓީ ލީޑަރުން ކައުންސިލުން އައްޔަންކޮށްފައި ވަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އަސާސީ ގަވައިދުގައިވާ ގޮތުން އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނީ ކޮންގްރެސްއަކުން ކަމަށް ބުނެފައިވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން ކައުންސިލަރުން މެދުވެރިވެގެން މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކަށް އިޝާރާތްކުރައްވަމުން މައުމޫން ވިދާޅުވީ އެ މަޝްވަރާތަކުން ކުރިއެރުމެއް ލިބެން ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުންކުރިއެރުމެއް ލިބެން. ކުރިއެރުމެއް ލިބެން ޖެހޭ. އެއީ އަޅުގަނޑުމެންގެ ޕާޓީ ތެރޭގެ ހަމަނުޖެހުންތަކެއް އޮތް ޕާޓީއަކަށް ވެގެން ކަމަކު ނުދާނެ. ހިޔާލު ތަފާތުވުން ހުންނާނެ ކޮންމެ ބައެއްގެ ތެރޭގައި ވެސް. އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުން ޑިމޮކްރެޓިކް ރޫހާ އެއްގޮތްވާ ގޮތުގެމަތިން އަދި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރެވޭތޯ ބެލީމަ ރަނގަޅުވާނެ. އެ މަސައްކަތް އަޅުގަނޑުކުރަމުންދިޔައީ. އެހެން ނަމަވެސް އެ މަސައްކަތް އެހާ ރަނގަޅަށް ކާމިޔާބުވެފަ ނެތީ،" މައުމޫން ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން މަޝްވަރާ ކުރަން ޖެހުނީ ދާދިފަހުން ކައުންސިލަރުންތަކެއް މާލެ ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.
"މިކަން ވީގޮތަކީ ކައުންސިލަރުންތެރެއިން ވަރަށް ގިނަ ބޭފުޅުން މާލެ ވަޑައިގެން އަޅުގަނޑާ ބައްދަލުކުރަން އެދިވަޑައިގަތީމާ އަޅުގަނޑު ބައްދަލުކުރިން އެބޭފުޅުންނާ. ދެން އެބޭފުޅުންގެ ވާހަކައަކީ ވެސް ޑީއާރުޕީ ބައިބައިވެފައި އޮތީމަ ވަރަށް ދެރައޭ. އެއީ 2013 ވަނަ އަހަރުގެ އިކަމުގެ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދެއް ނެތޭ. ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ހިޔާލަކީ ވެސް ތިޔައީއޭ. ޑީއާރުޕީ އޮންނަން ޖެހޭނީ ވަރަށް ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައޭ،" މައުމޫން ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް މިހާތަނަށް ދެތިން ޖަލްސާއެއް ބާއްވާފައިވާ ކަމަށާއި އެހެން ނަމަވެސް އަދި މާބޮޑު ކާމިޔާބީއެއް އެ ޖަލްސާތަކުން ހާސިލް ނުކުރެވޭ ކަމަށެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި ހިޔާލުތަފާތުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ވާހަކަތަކުގައި ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ލީޑަރު އަހުމަދު ތަސްމީނު އަލީގެ ފުރިހަމަ އެއްބާރުލެއްވުމުން ލިބިވަޑައިގަންނަވާ ކަމަށް އެ ވާހަކަތަކުގައި އިސްކޮށް އުޅުއްވާ ކައުންސިލަރުން މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.
އެ ވާހަކަތައް ކުރިޔަށް ގެންދިއުމުގައި ބައިވެރިވެވަޑައިގަންނަވާ ކ. އަތޮޅު ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ޒައީމާއި ލީޑަރު އެއްވެސް ޝަރުތަކާ ނުލައި ވާހަކަތަކަށް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދެ ފަރާތުގެ މަންދޫބުންނާ އެކު ފުރަތަމަ ބޭއްވި ބައްދަލުވުމަށް ފަހު، ދެން އޮންނަ ބައްދަލުވުމަށް ހުށަހެޅުންތައް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދައުވަތު ގަބޫލުކުރައްވައި ކުރިއަށް ގެންދާ ވާހަކަތަކަށް ޒައީމްގެ ފަރާތްޕުޅުން ކަރުދާހެއް ވަނީ ހުށަހަޅުއްވާފައި. ލީޑަރު ތަސްމީނުގެ ކަރުދާސް ވެސް މި މަހުގެ 30 ގައި ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ ހުށަހެޅުންތައް ހިމަނާފައިވާ އެ ކަރުދާސްތައް ދެ ފަރާތަށް ބަދަލުކޮށް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އުއްމީދުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ