ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ލިސްޓުގައި ފިޔަޖަހަމުން ދަނިކޮށް ކުއްލިއަކަށް ލަވަކިޔުން ހުއްޓާލި، އަލީ ރަމީޒާއި އޭނާގެ ކޮއްކޮ އިބްރާހިމް ރަމީޒު (އިބޭ) އާއި އަބްދުލްބާރީގެ އިތުރުން ޓްރިއޯ ބޭންޑުގެ ވޯކަލިސްޓް މޫސާ ޝިފާއު ދުވަހަކު ވެސް ދެން ލަވަ ނުކިޔާނެ ކަމަށް ބުނެ އެކަން އިއުލާންކޮށްފި އެވެ.
ސަންއެފްއެމާއި ޖަމިއްޔަތުއް ސަލަފު ގުޅިގެން އުފައްދާ "އިލްމީ ހަޒާނާ"ގެ 100 ވަނަ ޕްރޮގްރާމް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ލައިވްކޮށް ބޭއްވި ޕްރޮގްރާމްގައި އަލީ ރަމީޒު ފިޔަވައި ތިން ލަވަކިޔުންތެރިން ވެސް ބުނެފައި ވަނީ ލަވަ ކިޔޭނެ އެއްވެސް ގޮތެއް ދީނުގައި ނެތް ކަމަށާއި އެހެންވެ އެކަން ނުކުރާނެ ކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަލީ ރަމީޒު ހުށަހަޅައިދިން ޕްރޮގްރާމްގައި އަނެއް ތިން ލަވަކިޔުންތެރިން ވަނީ އެ މީހުން އެ ފަންނު ދޫކޮށްލި ސަބަބުތައް ކިޔައިދީފަ އެވެ. އަލީ ރަމީޒު ލަވަކިޔުން ހުއްޓާލި ސަބަބެއް އޭނާ މި ޕްރޮގްރާމުގައި ނުބުނެ އެވެ. އެހެން ނަމަވެސް އޭނާ ވެސް ބުނެފައި ވަނީ "އިންޝާﷲ... ލަވައެއް ދެން ނުކިޔާނަން" ކަމަށެވެ.
އަލީ ރަމީޒު މީގެ އަށް އަހަރު ކުރިން ލަވަކިޔުން ހުއްޓާލުމަށް ފަހު، އޭނާގެ މަގާމުގައި ހުރި އަބްދުލް ބާރީ 17 އަހަރަށް ފަހު ލަވަކިޔުން ހުއްޓާލި ސަބަބު ވަނީ ކިޔައިދީފަ އެވެ.
އޭނާ ބުނީ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖައްސަމުން އައި މަސައްކަތުން އަތްފޮޅާލީ، ރައްޓެއްސަކު ދިން "މަރު" ނަމަކަށް ކިޔާ ދަރުސް ސީޑީއެއް އަޑުއެހުމަށް ފަހު އޭނާގެ "ހިތަށް ބިރުވެރިކަން" ވަދެގެން ކަމަށެވެ.
އާމްދަނީ ހޯދުމަށް ކުރި މަސައްކަތަކީ އެއީ ކަމަށް ވާތީ، ހިތްހަމަނުޖެހި ހުރެގެން ނަމަވެސް ދުވަސްކޮޅަކު ލަވަކިޔަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އެންމެފަހުން ﷲ އާ ވަކީލުކޮށް އެކަމާ މުޅިން ދުރުވެ، މިހާރު އޭނާ ކުރަމުންދާ މަސައްކަތުން އޭރަށް ވުރެ މާ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި "ދިރިއުޅުން މިހާރު ވަރަށް ވެސް އުފާވެރި" ކަމަށް އޭނާ ބުންޏެވެ.
"ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ" އިން މަޝްހޫރުވެގެން ދިޔަ ޓްރިއޯ ބޭންޑުގެ ވޯކަލިސްޓް މޫސާ ޝިފާއު ބުނީ، ހަތް އަހަރު ދުވަހަށް ފަހު މިއުޒިކީ ދާއިރާ އަށް ޓާޓާ ކިޔަން ޖެހުނީ ދީނީ ގޮތުން މިކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށެވެ. ވިލާ ޓީވީން ވެސް ލައިވްކުރަމުން ދިޔަ ޕްރޮގްރާމްގައި އޭނާ ވަރަށް ސާފުކޮށް ބުނީ "ޖަލަށް ދާން ޖެހުނަސް ދެން ލަވައެއް ނުކިޔާނަން" ކަމަށެވެ.
ޝިފާއު ބުނީ އޭނާ އާންމުކޮށް ލަވަކިޔަމުން ދިޔަ ދުވަސްވަރު ވެސް، ދީނުގައި މިޔުޒިކް ހަރާމްވެފައިވާ ސަބަބާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަމުން ދިޔަ ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ލިބި އެންމެފަހުން ލަވަކިޔުން އެއްކޮށް ހުއްޓާލަން ނިންމި ރެއަކީ އާޓިފިޝަލް ބީޗްގައި "ޓްރިއޯ"ގެ ލައިވް ޝޯއެއް ބޭއްވުމަށް ވެސް ހަމަޖެހިފައި އޮތް ރެއެއް ކަމަށެވެ.
ފްރީޒް ބޭންޑުގެ ލަވަކިޔުންތެރިޔާ އަދި ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހީމް ރަމީޒް (އިބޭ) ބުނީ އޭނާ ލަވަކިޔުމާ ދުރަށް ދާން ޖެހުނީ "އިސްލާމްދީނުގެ ނަޒަރުގައި މިޔުޒިކް" ނަމަކަށް ކިޔާ ފޮތެއް ކިޔުމަށް ފަހު ކަމަށެވެ.
"އޭގެ ފަހުން އެކި ގޮތްގޮތުން އެ ފޮތުގައި ހުރި އެއްޗެހި ސައްހަތޯ ބަލަން އެކި ގޮތްގޮތަށް މަސައްކަތްކުރިން... ހުރިހާ ބޭފުޅުން ވެސް ބުނާ އެކައްޗެއް އޮތް. އެއީ، އިބޭ ތި ދޭ ޝޯތައް ދެވޭނެ އެއްވެސް ގޮތެއް ނެތޭ،" އޭނާ ބުންޏެވެ.
އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ވަކި ލަވަތަކެއް ކިއިދާނެ ކަމަށް އިބޭ އަށް ލަފާ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު، އެ ފޮތުގައި ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީންގެ ހަދީސްތަކުން ލަވަ އާއި މިއުޒިކަކީ ހަރާމް އެއްޗެއްކަމުގެ ދަލީލު ދައްކާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފޮތާ މެދު ފިކުރުކޮށް ހަގީގަތް ހޯދަން ކުރި މަސައްކަތުން ކީރިތި ގުރުއާނުގައި ލަވަ އާއި މިޔުޒިކް ހަރާމް ވެފައިވާ ކަމަށް ވާރިދު ވެފައިވާ އާޔަތް ފެނުމުން އޭނާ އަށް "ފުދިއްޖެ" ކަމަށް ބުންޏެވެ. އޭނާ ބުނީ މިއުޒިކާއި ލަވަކިޔުން ހުއްދަ ކަމަށް ބުނާ އެއަށް ވުރެ ވަރުގަދަ ދަލީލުތަކެއް ދައްކައިފި ނަމަ ލަވަކިޔަން މިހާރު ވެސް ތައްޔާރު ކަމަށާއި އެކަމަކު އެއީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ އޭނާގެ އާއިލާގަ އާއި އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި އެކަން ކުރާ މީހުންނަށް އެކަން ނުކުރުމަށް ވެސް ގޮވާލައިފަ އެވެ.
އަލީ ރަމީޒާއި ބާރީ އާއި އިބޭ އާއި ޝިފާއު ދުވަހަކު ވެސް ދެން ލަވަ ނުކިޔާނެ ކަމަށް ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ