ރާއްޖޭގެ މައި ލޭ ނާރު ކަމަށްވާ މަސްވެރިކަމުން ފެށިގެން ރާއްޖޭގެ މުހިންމު އެތައް ދާއިރާތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި މިއަދު ރާއްޖޭގެ ކުންފުންޏަކުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ރާއްޖޭގައި ތަފާތު ވިޔަފާރި ހިންގާ ސީޓީޖީ އިން އެއް މިލިއަން ރުފިޔާ ހަދިޔާކުރުން އޮތީ ރާއްޖޭގެ ތިން ޓީވީ ސްޓޭޝަނުން ކުރިއަށް ގެންދާ ޓެލެތޯންގައި އެމްއެންބީސީ ވަންގަ އެވެ.
ސީޓީޖީގެ އިތުރުން ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ވަނީ 1.3 މިލިއަން ރުފިޔާ މަސްދަޅު ހަދިޔާކުރައްވައިފަ އެވެ.
މިއަދު ހަވީރު 30: 3 ވީއިރު ފައިސާގެ ގޮތުން 1.6 މިލިއަން ރުފިޔާ އާއި 93،696 ދަޅު މަސް ލިބިފައިވެ އެވެ.
ޓެލެތޯންގެ އިންތިޒާމް ކޮމިޓީން ބުނި ގޮތުގައި މި ހަރަކާތަށް ލިބޭ ފައިސާ އިން ވެސް ގަތުމަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އުފައްދާ ދަޅު މަހެވެ.
ޖަޕާނަށް އެހީވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ސަރަނގު އާދަމް މަނިކު ވަނީ އާއްމު ރައްޔިތުންގެ އިތުރުން ބޮޑެތި ވިޔަފާރި ކުންފުނިތަކުން ދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އިއްޔެ މެންދުރުފަހާއި މިއަދު ކުރި މަސައްކަތުން އޭގެ ނަތީޖާ ވަނީ ފެންނަން ފަށާފައި. އެގޮތުން ބޮޑެތި ކުންފުނިތަކުން ދަނީ ދީލަތި އެހީތައް ފޯރުވައިދެމުން. އަދި މެންދުރު ފަހުން މިހާރަށް ވުރެ ބޮޑަށް ވެސް ކުންފުނިތަކުގެ އެއްބާރުލުން ލިބޭނެ،" އެމްއެންބީސީ ވަންގައި އިންނަވާ އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަފުތާ ބަންދުކަމުން ބައެއް ކުންފުނިތަކަށް އެހީ ފޯރުވައިދޭން ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެންކަމުން ޓެލެތޯން މިރޭ ނިމުނު ނަމަވެސް ޖަޕާނަށް އެހީވުމުގެ ދޮރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުންފުނިތަކުގެ އެއްބާރުލުން ހޯދަން އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށް ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ވިދާޅުވި އެވެ.
ޖަޕާނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގައި އިއްޔެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވައިފަ އެވެ. އަދި ސުނާމީ ބިނާ ސަރަހައްދުގައި މިޔުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. މީގެ އިތުރުން "ހިމޭން ހިނގާލުން" ނަމުގައި ހިނގާލުމެއް ވެސް އިއްޔެ ހަވީރު އޮތެވެ.
ޖަޕާނާ އެކު ދިވެހިން: ދިވެހި ކުންފުންޏަކުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ