މީޑިއާ ކައުންސިލުން ނެރުނު ބަޔާނާއިމެދު މެމްބަރު ޚަލީލް ކަންބޮޑުވުން ފާޅުކުރައްވައިފި

ފ އަތޮޅު ނިލަންދޫއަށް ދިޔަ ދެ ނޫސްވެރިއަކާއި ދިމާކޮށްފައިވާކަމަށާއި އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ފޯނުން ގުޅައި އިންޒާރެއް ދިންކަމަށް ބުނާ މައްސަލައިގާ މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނަށް ފ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އެމްޕީ ޚަލީލް މި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ޑރ ޚަލީލް ވިދާޅުވެފައިވަނީ އެއްވެސް މިންވަރެއްގެ ތަހުގީގެއް ނުހިންގައި އަދި ބަލަންވާވަރަށް ނުބަލައި، މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިން ކަމަށްބުނާ ދެ ފަރާތެއް ފ ނިލަންދޫއަށް ކުރި ދަތުރެއްގައި އެ ދެފަރާތަށް ފ ނިލަންދޫގައި ނުރައްކާތެރި ހާދިސާއެއް ކުރިމަތިވީކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ކަން ހިނގި ގޮތް ރަނގަޅަށް ނުބަލައި، އެއްފަރާތަކުން އިއްވާފައިވާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް މީޑިއާ ކައުންސިލުން މިފަދަ ބަޔާނެއް ނެރުމުން ނިލަންދޫ ރައްޔިތުންގެ މެދުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާކަމަށެވެ.
“މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިންކަމަށް ބުނާ ދެ ފަރާތެއް ފ ނިލަންދޫއަށް ގޮސް މީހުންނާއި ބައްދަލުކުރުމުގެ ތެރޭގައި، އެމީހުންނަކީ ނޫސްވެރިންކަން ކަށަވަރު ކުރާނީ ކިހިނެތްތޯ ސުވާލުކުރުމުން އެއީ ނޫސްވެރިންކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ދެއްކިފައެއް ނުވެ އެވެ. ނަމަވެސް އެ ދެ ފަރާތަށް އިހްތިރާމް ކުރުމުގެ ގޮތުން ނިލަންދޫގެ ވަރަށް ގިނަ ރައްޔިތުން އެމީހުން ކުރި ސުވާލުތަކަށް ޖަވާބު ދީފައި ވެ އެވެ. އެ ދެ ފަރާތުގެ ސުވާލުތައް އަމާޒުކޮށްފައިވަނީ ފ އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަލްޓި ބިލިއަން ޑޮލަރު ޕްރޮޖެކްޓާއި ގުޅޭގޮތުންނެވެ. ސުވާލުކުރުމުގައި ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންގެ ނުތަނަވަސްކަން އުފެދޭކަހަލަ ޖުމްލަތައް އިއްވުމަށްފަހު، ސުވާލުތަކަށް ޖަވާބުހޯދުމަށްއެދެމުން ދިޔަ އެވެ. ” އެމްޕީ ޚަލީލްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ޚަލީލް ވިދާޅުވެފައިވަނީ ނޫސްވެރިންގެ އަހްލާގީ މިންގަނޑުން ބޭރުވެފައިވާތީ އާއި އަދި ވަކި އަތަކަށް ބުރަވެ އެމީހުންގެ ވާހަކަތައް ބައްޓަންވެފައި ހުރުމުން، ރައީސް ޔާމީން ދިވެރހިރާއްޖޭގެ ރައްޔިތންނަށް ގެނެސްދެއްވާ ތަރައްގީއާއި ދެކޮޅު ފިކުރުތަކަށް ބާރުލިބޭގޮތަށް ވާހަކަ ނުދެއްކުމަށް އެތައް ބަޔަކު ތަކުރާރުކޮށް އެދުން ފިޔަވައި، އެމީހުންނާއި ދިމާކުރުމުގެ ގޮތުން ނިލަންދޫގެ އެއްވެސް ރައްޔިތަކު އެއްވެސް ބަހެއް ބުނެފައިނުވާކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އެދުމުންވެސް އެމީހުންގެ އަމަލުތައް ނުހުއްޓުމުން، އެކަން ރައްޔިތުންގެ ތެރެއިން ބަޔަކު ފުލުހުންނަށް އެދެ ފަރާތްތަކުގެ ޝަކުވާ އުފުލި ކަމަށެވެ. މޯލްޑިވްސް އިންޑިޕެންޑެންޓްގައިވެސް ބަޔަކު އެ ދެ ފަރާތާއި ނިލަންދޫއިން ދިމާކުރިކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް އަދި ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ނިލަންދޫ ރައްޔިތުން ބަދުނާމު ކުރުމުގެ ނިޔަތުގައި ނެރެފައިވާ ނޫސްބަޔާނެއްކަންވެސް މި ފުރުސަތުގައި ފާހަގަކުރާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ކަން މިހެން އޮތުމާއެކު، ނިލަންދޫ ރައްޔިތުން ބަދުނާމުވާގޮތަށް މީޑިއާ ކައުންސިލްފަދަ ދައުލަތުގެ މުއައްސަސާއަކުން މިފަދަ ނޫސްބަޔާނެއް ނެރެންވާނީ ކަން ހިނގާފައިވާ ގޮތް ރަނގަށް ބެލުމަށްފަހުގަ އެވެ. އަދި މިފަދަ ޒިންމާދާރު ކުޑަ އަމަލެއް މީޑިއާ ކައުންސިލްގެ ފަރާތުން ނުފެންނާނެކަމުގައިވެސް އުންމީދު ކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ