ސިފައިންގެ ގާނޫނުގެ އިސްލާހު ތަސްދީގު ނުކުރައްވައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ރައީސަށް މާރިޔާ ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ނޫން ގޮތަކަށް ޗީފް އޮފް ޑިފެންސް ފޯސް އައްޔަން ނުކުރެވޭނެ ގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހު ތަސްދީގު ނުކުރައްވައި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދެވުމަށް އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލައްވައިފި އެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ އެގޮތަށް އަމަލު ކުރެއްވުމަށް ރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން މާރިޔާ ގޮވާލައްވާފައި އޮއްވާ، ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާ އިން ވަނީ އެ ގޮތަށް ފާސްކޮށްފަ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ ވިދާޅުވީ އެ އިސްލާހު ފާސްކޮށްފި ނަމަ އެ ވާނީ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކުރާ ކަމަކަށް ކަމަށެވެ. އަދި އެ އިސްލާހު ފާސްކޮށްފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ވައްދައި އެއީ ގާނޫނީ އިމުގެ ތެރެއިން މަޖިލީހުންކޮށްފައިވާ އަމުރެއްތޯ ބަލަންޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"...ގާނޫނު އަސާސީން އެ މީހުންނަށް [މަޖިލީހަށް] ލިބިނުދޭ ބާރެއް ފޭރިގަންނަން މަސައްކަތްކޮށް އެ ގޮތަށް ގާނޫނެއް ފާސްކޮށްފި ކަމަށްވަންޏާ އެމަނިކުފާނު އެބަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަންޖެހޭ،" މާރިޔާ ވިދާޅުވި އެވެ. "އެއްވެސް ހާލަތެއްގައި މި ބިލް ތަސްދީގު ކުރައްވައިގެން ވެސް ނުވާނެ."
ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ ގާނޫނު އަސާސީގައި އޮތް އެއްވެސް ބާރެއް ކުޑަކޮށްފި ނަމަ އެމްޑީޕީން މުޒާހަރާ ކުރާނެ ކަމަށެވެ. އަދި އެކަން އަނބުރާ އިއާދަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ހުރި މާއްދާތައް ފުނޑާލަން ނުކުމެއްޖެއްޔާ އަޅުގަނޑުމެން ތިބޭނީ މަގުމަތީގައި. ވަރިހަމަ ކިތަންމެ ގިނަ ލާރިއެއް އޮވެގެން ކިތަންމެ ގިނަ ޓީވީ ޗެނަލް ހަދައިގެން ކިތަންމެ ބާރަށް ޕްރޮޕެގެންޑާ ފެތުރިޔަސް. ފަތުރާހާ އެއްޗެއް ގޮވަނީ އަތަށް،" މޫސަ ވިދާޅުވި އެވެ.
އޭގެ އިތުރުން މޫސަ މީޑިއާ އަށް އަނެއްކާ ވެސް ފާޑުވިދާޅުވަމުން ވިދާޅުވީ ދިޓީވީން އޭނާއަށާއި އޭނާގެ އާއިލާ އަށް ފުރައްސާރަ ކުރާ ކަމަށެވެ. އަދި މީޑިއާ އިން ޕޯލްތައް ނަގާތީ ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"ފާޑުފާޑުގެ ޕޯލް ނަގައިގެން އަދި މާކްސް ދިނަސް އަދި ނުވާނެ ގޮތެއް،" މޫސަ ވިދާޅުވި އެވެ. "މިކަހަލަ ޕޯލްތަކާއި ކޯލްތަކާއި މި އެއްޗިއްސާ ހެދި ކުޑަކޮށް ތުރާވާން ފަށައިފި...ދެން ހަމަ އެއްޗެކޭ އަހާލީމަ ބުނާނެ މީ މީޑިއާގެ މިނިވަންކަމޯ. މީޑިއާ މިނިވަން ވިޔަސް މައްސަލައެއް ނެތޭ، އެކަމަކު އަޅުގަނޑަށް ހީވަނީ މިހާރު މިކަމަށް ވެސް ވެއްޖެހެން ގާނޫނެއް ހަދަން."
މިފަހަކަށް އައިސް އެމްޑީޕީން ބާއްވާ ޖަލްސާތަކުގައި މީޑީއާއަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. އަދި ހުޅުމާލޭގައި އެ ޕާޓީން ބޭއްވި ޖަލްސާއިން ދި ޓީވީގެ ނޫސްވެރިއަކާ ކެމެރާމަނަކު ވަނީ ބޭރުކޮށްފަ އެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް އެމްޑީޕީން މަސައްކަތް ކުރާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ސަރުކާރުން އެކި ގޮތްގޮތަށް މީޑިއާ އަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ބުނެ ލޭބަ ޕާޓީން އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ