މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވިތާ މިއަދަށް ހަފުތާއެއް ވެފައިވާއިރު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކެބިނެޓް އަލުން އެކުލަވާ ނުލައްވައިފި ނަމަ މިއީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ގައުމީ ޕާޓީގެ ނާއިބު ރައީސް އަދި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު މި ވަގުތު ސަރުކާރު ހިންގަވަމުން ގެންދަވަނީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ހުރި ކަންތައްތަކެއް އެއް ފަރާތް ކުރެއްވުމަށް ފަހު ދައުލަތް ހިންގެވުމަކީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
"މި ގައުމު ހުސް ކަމެއްގެ ތެރޭގައި ނުއެއް ބޭއްވޭނެ. މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް. އަނެއްކާ ވަޒީރުންގެ މަޖިލީހާ ނުލައި ގައުމެއް ނުހިންގޭނެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ މަޝްވަރާތަކާއި ލަފަ އާއި އިރުޝާދު ދިނުމަށްޓަކައި ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެއޭ [ގާނޫނު އަސާސީގައި] ބުނަނީ. ގާނޫނު އަސާސީ ވަރަށް ސާފުކޮށް އެބަ ބުނޭ،" ރައީސް ނަޝީދުގެ ސަރުކާރުގެ ކޮމިއުނިކޭޝން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުގައި ވެސް ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވި ކަމަށާއި ދެން އަންނަ ސަރުކާރަކުން އެކަންކަން ބަލާނެ ކަމަށެވެ. ޑރ. ޖަމީލް ސިފަކުރެއްވި ގޮތުގައި ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންނަކީ ކޮރަޕްޝަނުން "ފޯވެފައި" ތިބި ބޭފުޅުންނެވެ.
"ދެން އަންނަ ސަރުކާރަކުން އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާ އެކު ދެން އަންނަ ސަރުކާރެއްގައި އަޅުގަނޑުމެން ތިބެގެން މި ހުރިހާ ވަޒީރުން މި ކުރި އަމަލުތައް އަޅުގަނޑުމެން ބަލާނަން. މި އެންމެންގެ މައްޗަށް، މިތާ ތިބެގެން ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މި ކުރި ޖަރީމާގެ މައްޗަށް އަޅުގަނޑުމެން ތަހުގީގު ހިންގައި މި ހުރިހާ ވަޒީރުންގެ މައްޗަށް ދައުވާ އުފުލައި އަދި އެ މީހުންނަށް ހައްގު އަދަބު ދިނުމަކީ އަޅުގަނޑަށް ހީވަނީ ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި، ގާނޫނުގެ ހުކުމް ދެމެހެއްޓުމަށްޓަކައި ދިވެހިން ކުރަންޖެހޭ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަށަވަރު ކުރާނަން. މިއީ އަޅުގަނޑު ވަރަށް ދެކޭ ހިތްވާ މަންޒަރެއް،" ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި މިހާރު ބަންދުކޮށްފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޑރ. ޖަމީލް ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ކުރިން ކެބިނެޓް އެކުލަވާ ނުލައްވައިފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ