މެމްބަރު މުއްތޮލިބު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތޮލިބުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މުއްތޮލިބު ވެސް ވިދާޅުވީ މިރޭ ނުވައެއް ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ވަކި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ޝަރީއަތަށް ހާޒިރުކުރަންޖެހޭ ވަރުގެ ކަމެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އިތުރު ތަފްސީލެއް ދެވޭނީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ބުނީ މުއްތޮލިބު ހާޒިރުކުރަނީ އޭނާއާ ބެހޭ ގޮތުން ހުށަހެޅިފައި އޮތް މައްސަލައަކާ ގުޅިގެން އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ނަމަވެސް އިތުބާރު ހުރި ގޮތަކަށް ހަވީރަށް އެނގިފައިވާ ގޮތުގައި މުއްތޮލިބު ފުލުސް އޮފީހަށް ހާޒިރުކުރައްވަނީ އޭނާއާ ދެކޮޅަށް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އަދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއީލް )އިބްރާ( ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ދި ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި މުއްތޮލިބު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އިބްރާ ވަނީ، މުއްތޮލިބު ދޮގު ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާ (ހަދައިގެން، ނުވަތަ ސާބިތު ނުހިފޭ ވާހަކަ ދެއްކުން)ގެ ދަށުން އެ މައްސަލަ ބަލައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅުއްވާފަ އެވެ. މީގެ އިތުރުން އެ ވާހަކަތަކާ ގުޅިގެން އިބްރާ ވަނީ މުއްތޮލިބުގެ މައްޗަށް އަބުރުގެ ދައުވާ ވެސް އުފުލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މުއްތޮލިބު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރައްވާ އިރު، އޭނާ ވެސް ސޮއިކުރައްވައިގެން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ