ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހާޒިރުކުރެއްވުމަށް އެއްވެސް އަމުރެއް ނުކުރެއްވުމަށް އެ ކޮމިޝަނަށް އަންގަވައި ވަގުތީ ކޯޓު އަމުރެއް ނެރެދެއްވުމަށް އެ މަނިކުފާނު މިއަދު މަދަނީ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ރައީސް މައުމޫނަށް މިދިޔަ ބުރާސްފަތި ދުވަހު ޗިޓް ފޮނުވާފައިވާތީ، އެ މަނިކުފާނު މަދަނީ ކޯޓަށް މިއަދު ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގަތުމުން، މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައުމޫނުގެ ރުހުމެއް ނެތި ހާޒިރުނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށް ވެސް ކޯޓް އަމުރު ނެރެދެއްވުމަށެވެ. ކޮމިޝަނުން ޗިޓް ފޮނުވި ނަމަވެސް މައުމޫންގެ ފަރާތްޕުޅުން އެ ޗިޓާ ހަވާލުވެވަޑައެއްނުގަންނަވަ އެވެ.
މީގެ އިތުރުން "ރިޔާސީ ކޮމިޝަނުން ނެރޭ އަމުރުތަކަށް ތަބާނުވުމަކީ، ގާނޫނު އަސާސީގެ 64 ވަނަ މާއްދާގެ ދަށުން ލިބޭ ހައްގެއް ކަމަށާއި، މި ފަދަ އަމުރުތަކަށް ތަބާނުވުމުގެ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގާނޫނީ ގޮތުން ތަހުގީގުކުރެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވައިދެއްވުމަށް" ވެސް މައުމޫން ވަނީ މަދަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ރިޔާސީ ކޮމިޝަންގެ ބޭނުމަށް މައުމޫން ހައްޔަރުކުރެއްވުން ނުވަތަ ޕާސްޕޯޓް ހިފެހެއްޓުން ފަދަ އެއްވެސް ކަމެއް އެ ކޮމިޝަނަށް ވެސް އަދި ފުލުހުންނަށް ވެސް ނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައަޅައި ދިނުމަށް ވެސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫންގެ ވަކީލު އައްބާސް ޝަރީފު މިއަދު ވިދާޅުވީ މަދަނީ ކޯޓުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް މައުމޫންގެ ފަރާތްޕުޅުން މައްސަލައެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ ގޮތުން ފުލުހުންނަށް ހުށަހަޅުއްވާފައިވަނީ ރިޔާސީ ކޮމިޝަނަށް މީހުން ހާޒިރުކުރުމާއި އެ ކޮމިޝަނުން މީސްމީހުންގެ ޕާސްޕޯޓްތައް ހިފެހެއްޓުމަށް މަސައްކަތްކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަންތައްތަކެއް ކަމަށް ދެކެވަޑައިގަންނަވާތީ އެ ކަންތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށެވެ. އަދި އެ ކަންތައްތަކަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލް ބައްލަވަންޖެހޭ ކަމަކަށްވާތީ އެ ކަންކަމާ މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ ގޮތުން ރިޔާސީ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ އަމުރުތަކަކީ އަދި ކުރަމުންދާ އަމުރުތަކަކީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ޝަރުތުކޮށްފައިވާ ފަދައިން ގާނޫނަކުން ބާރު ލިބިގެންވާ އަމުރުތަކެއްތޯ ބައްލަވައިދެއްވުމަށާއި، އެ ކޮމިޝަނުން ތަހުގީގުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބައްލަވައިދެއްވުމަށް ވެސް މައުމޫންގެ ފަރާތްޕުޅުން ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވެ އެވެ. އަދި މައުމޫންގެ މިނިވަންކަން މިހާރު ހިފަހައްޓަވާފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބައްލަވައިދެއްވުމަށް ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުގައި މައުމޫންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
"ހަމަ އެއާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން ލިބިދޭ ހައްގަކުން މަހުރޫމްކުރެވޭ މަސައްކަތެއް ކަމަށް ބެލެވޭތީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިކަން ބައްލަވައިދެއްވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެ ކޮމިޝަނަށް ވެސް މިހާރުވާނީ ހުށަހަޅާފައި،" އައްބާސް ވިދާޅުވި އެވެ.
މައުލޫމާތުތަކެއް ސާފުކުރަން ކަމަށް ބުނެ ރިޔާސީ ކޮމިޝަނަށް މިއަދު މެންދުރު ފަހު 30: 2 އަށް އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގައި މައުމޫނަށް މިދިޔަ ބުރާސްފަތި ދުވަހު ދެ ފަހަރު ޗިޓް ފޮނުއްވި އެވެ. ނަމަވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމުގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެ މައުމޫން ވަނީ އެ ޗިޓް އަނބުރާ ފޮނުވާލައްވައިފަ އެވެ.
މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރިން ދެ މިނިސްޓްރީއެއް ހިންގެވި ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު މެމްބަރު އަބްދުﷲ ޔާމީން ވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް މީގެ ކުރިން ޗިޓް ފޮނުވި އެވެ. އެކަމަކު އޭނާ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގަތުމުން ފުލުހުން މެދުވެރިކޮށް އެކަންކުރަން ރިޔާސީ ކޮމިޝަނުން މަސައްކަތްކުރި އެވެ. ނަމަވެސް ފުލުހުން ފޮނުވި ޗިޓަށް އަމަލުކުރުން ފަސްކުރުމަށް ކޯޓު އަމުރަކަށް ޔާމީން އެދިވަޑައިގަތުމުން ކޯޓުން ވަނީ އެ އަމުރު ނެރެފަ އެވެ.
މައުމޫންގެ ފަރާތުން ވަގުތީ އަމުރަކަށް އެދިވަޑައިގެން ހުށަހެޅުއްވި ނަމަވެސް، އެ މައްސަލަ ކޯޓަށް ބަލައިގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތައް ބަލައިގެންކަން، އާންމު ގޮތެއްގައި ކޯޓުން އަންގަނީ އެއް ދުވަސް ފަހުންނެވެ.
ރިޔާސީ ކޮމިޝަނަށް ހާޒިރުނުކުރެވޭނެ ކަމުގެ ކޯޓް އަމުރަކަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ