ފަސް ލައްކައެއްހާ ޑޮލަރު ދެއްކެވުމަށް ކޮމަންޑޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޯޓުން ހުކުމްކޮށްފި

ކުންފުންޏެއްގެ ހިއްސާ ގަތުމަށް ފަހު، ނުދައްކަވާ އޮތް 478،745 ޑޮލަރު ( 6،151،988ރ.) ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދުގެ މައްޗަށް މަދަނީ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ގާޒީ އާއިޝާ ސުޖޫން މުހައްމަދު ކުރައްވާފައިވާ ހުކުމުގައި ބުނެފައި ވަނީ، ގ. މަހުމާގޭ އަބްދުއްރަޝީދާއި އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހުސެއިން ވަހީދާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސެޓިން ވުޑް ޕްރައިވެޓް ލިމިޓެޑުގެ 60 ޕަސެންޓް ހިއްސާ ހުސެއިން ވަހީދު ގަނެފައިވާ ކަމަށެވެ. އެ ހިއްސާތަކަށްވާ ފައިސާ ބަހާލައިގެން ދައްކަވާ ގޮތަށް ހުސެއިން ވަހީދު އެއްބަސްވެވަޑައިގެންފައިވީ ނަމަވެސް ދައްކަންޖެހިވަޑައިގަންނަވާ ފައިސާގެ ތެރެއިން 478،745 ޑޮލަރު ( 6،151،988ރ.) ނުދައްކަވާ ކަމަށް ހުސެއިން ވަހީދުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"މި 78،745.85 4 ޑޮލަރަކީ ހުސެއިން ވަހީދުގެ ފަރާތުން އަބްދުއްރަޝީދަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މި ފައިސާ އަބްދުއްރަޝީދަށް ރައްދު ކުރުމުގެ ގޮތުން 28 މާޗް 2010 ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ އަދަދަށްވުރެ މަދު ނޫން މިންވަރެއް މަދަނީ ކޯޓަށް ދައްކައި ހަލާސް ކުރުމަށް ށ. ފޯކައިދޫ ހުވަނދުމާގޭ ހުސެއިން ވަހީދަށް އަންގައި ހުކުމްކޮށްފީމެވެ،" އެ ހުކުމުގައިވެ އެވެ.
ގާނޫނު އަސާސީގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ