ގާސިމް ހައްޔަރުކުރުމަށް އެމްޑީޕީން ގޮވުމުން ޖުމްހޫރީ ޕާޓީން އެކަން ކުށްވެރިކޮށްފި

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ގޮވުމާ ގުޅިގެން ޖުމްހޫރީ ޕާޓީން އެކަން ހޮނިހިރުދުވަހުގެ ރޭ ކުށްވެރިކޮށްފި އެވެ.
ގާސިމްގެ އަމިއްލަ ޓީވީ ސްޓޭޝަން ވީޓީވީގައި ބޭއްވި ލައިވް ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒު ވިދާޅުވީ ގާސިމްގެ މުދާ ނެގުމަށް އެމްޑީޕީން ގޮވި ގޮވުން ކުށްވެރިކުރައްވާ ކަމަށެވެ.
"މިހާރު މިއޮތް ސަރުކާރުން ދީފައިވާ ބަނޑުހަނޑުލެއް އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަތްޕުޅަކު ނޯންނާނެ. މިހާރު މިއޮތް ސަރުކާރުގައި ތިއްބެވި ބޭފުޅުން އާއޭ ކިޔާފައި އެ ބޭފުޅުންނަށް ތަންތަން ހިއްކަން ދޭ ނުވަތަ ތަންތަން ދޭ ބީދައިން ދިން އެއްވެސް ތަނެއް ގާސިމް އަތަކު ނޯންނާނެ. ގާސިމަށް މުދާ ލިބިފައި އެ އޮތީ ﷲގެ ކުޅަދުންވަންތަކަމުން. ދެން އެ ކުރެއްވި ބުރަ މަސައްކަތުން. އެހެންވީމަ ﷲ އެމީހެއްގެ މުދާ ނަންގަވަން އެ ވަގުތު ޖެހުނީމަ އެކަމެއް ނިމޭނެ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް ފަދަ ގައުމަށް މުހިންމު ބޭފުޅެއްގެ އަބުރާއި އިއްޒަތް ނަގާލަން އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ފޮރުވިފައި ވަނީ އެންމެ ސިއްރެއް ކަމަށެވެ.
"އެއީ އެ ބޭފުޅުން ]އެމްޑީޕީ[ 2008 ވަނަ އަހަރު ވެރިކަމަށް އަންނަން ވެގެން ކުރި މަސައްކަތުގައި، ހަގީގަތުގައި މި ބޭފުޅުން ވެރިކަމަށް ގެނެސްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ބޭފުޅަކީ ގާސިމް އިބްރާހިމް. ގާސިމް އިބްރާހީމްގެ ފަރާތުން ހަގީގަތުގައި ވެސް އަދާލަތު ޕާޓީ އާއި ދީނީ އިލްމުވެރިން ވެސް ވަޑައިގަތީ. އެހެންވީމަ ގާސިމް އިބްރާހީމް ނިކަމެތިކޮށްލަން، ގާސިމް އިބްރާހީމްގެ އެކައުންޓްތައް ބަންދުކުރަން ނޫނިއްޔާމު ގާސިމް އިބްރާހީމްގެ މުދާތައް ފޭރިގަންނަން ނޫނީ ނަގަން މިއީ އަޅުގަނޑުމެންނަށް އަލަކަށް އަޑުއިވޭ ވާހަކައެއް ނޫން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ ގެރެންޓީއެއްގެ ދަށުން ހުޅުވާފައިވާ އެއްވެސް އެކައުންޓެއް ގާސިމްގެ އަތްޕުޅުގައި ނޯންނާނެ ކަމަށާއި ހައްޔަރު ވެސް ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީ ވެރިކަމަށް ގެނައުމަށް ގާސިމްގެ އަރިހުގައި އަމަލީ ގޮތުން މަސައްކަތްކުރެއްވި މޫސަ ވިދާޅުވީ އެމްޑީޕީއަށް ދިމާވެގެން އުޅޭ މައްސަލަ އަކީ "މުގޫ" ގެއްލެން އުޅުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު އިކްރާމް ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި އެއްވުމުގައި ބައިވެރިވީ ޓެރަރިސްޓުން ކަމަށް ސިފަކޮށް ސަރުކާރުގެ އެކި ބޭފުޅުން ވާހަކަ ދެއްކެވުމުން ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.
"އެހެންވީމަ ރައްޔިތުންނަށް ނިކަމެތިކަން ދިނުން ކޮންމެ ކަމެއްގެ ތެރެއިން ލާފައި ވެސް. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އަޑު އުފުލައި ސަރުކާރަށް ނަސޭހަތްތެރިވެ އަޑު އިއްވަން ނުކުތީމަ ވެސް އޭގެ މާނަ ގޯސްކޮށްގެން މި ބޭނުންވަނީ އެކަން ކުރައްވަން. އެހެންވީމަ އެ ވިދާޅުވާ މެދުމިންގަނޑެއްގެ ތެރެއިން އަޅުގަނޑަށް ހީވަނީ މިކަން މިހެން ހިނގަން ދޫކޮށްލައިގެން ތިބެއްޖިއްޔާ އަޅުގަނޑުމެން ރައްޔިތުން ބަނޑަށް ޖެހި އަޅުގަނޑުމެންގެ ގައުމަށް ވެސް ޓޫރިސްޓުން ނައިސް އަޅުގަނޑުމެންނަށް ވެސް ރާއްޖެއިން ބޭރަށް ނުދެވި އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަނަވަސް އެކި ބޭފުޅުންގެ ތަނަވަސްކަން ވެސް އެ މީހުން ]ސަރުކާރުން[ ފޭރިގަނެ އެކަންކަން ކުރާ ހިސާބަށް ދާނެހެން،" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓްރެކް ރެކޯޑަށް ބަލާއިރު "ގާސިމާ ދިމާކޮށްފައި" ކަންކަން ކޮށްފައި އެބަހުރި ކަމަށެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމަށް، މަސްވެރިކަމުގެ ސިނާއަތަށް މިހާތަނަށް ބޭރުގެ ފަރާތަކުން ލިބުނު އެންމެ ބޮޑު އެހީ އެއީ 20 މިލިއަން ޑޮލަރުގެ ލޯނެއް ލިބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން. ކިހިނެއްތޯ ހެދީ؟ ނޯ އޮބްޖެކްޝަން ލެޓާ ނުދީ ހިފެހެއްޓީ. އެ ލޯނު ލިބިގެން ރާއްޖޭގެ ސިނާއަތޭ ތަރައްގީ ވާނީ. ދިވެހި މަސްކަނޑަށޭ ފައިސާ ލިބޭނީ. ދިވެހި އަމިއްލަ ފަރުދެއްގެ މައްސަކަތޭ މިއީ. އެކަމަކު އެ މަސައްކަތްތަކަށް ހުރަސް އެޅުއްވީ،" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ގާސިމް ދެކެ އެހާ ބޮޑަށް ރުޅި އައިސްގެން އުޅެނީ މާމިގިލީ އެއާޕޯޓް ހަދައި އަދި ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އަޅުއްވާނެ ކަމަށް އިއުލާންކުރައްވާފައި ވާތީ ކަމަށެވެ.
"އެ މަނިކުފާނު ]ގާސިމް[ މުޒާހަރާއަށް ވަޑައިގެން ރައްޔިތުންގެ ތެރެއިން ފެނުނީމަ އެ ލިބުނު ތަރުހީބާއި އެ މީހުންގެ ]ސަރުކާރު[ މޭ ގުޑިގުޑުން، އެ ގަތް ބިރު، އެ މީހުންނަށް ވެރިކަން ހޯދައި ދިނުމަށްޓަކައި އެންމެ ބޮޑު ގުރުބާނީ ވި ފަރާތް، މިއަދު އެ މީހުންގެ ކަންކަން ގޯސްވެގެން ހުރީމަ، ދެން އެ މީހުންނަށް ލިބޭނެ ނިކަމެތިކަމާއި ތިމަންނަމެންކަށް ދެން މި ގޮނޑީގައި ނުތިބެވޭނެއޭ އަޖަލު ހަމަވީއޭ ހިތަށް އަރައިގެން އެ މީހުންނަށް އެ ވީގޮތް ހަގީގަތުގައި އެ ވީ ގޮތަކީ،" އިކްރާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ