އަގީދާ ވަރުގަދަކޮށް އެއްބައިވަންތަވުމަށް މައުމޫން ގޮވާލައްވައިފި

ގައުމީ ދުވަހާ ގުޅުވައިގެން އަގީދާ ވަރުގަދަކޮށް، އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަން އަލާކުރުމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު މި ކަމަށް ގޮވައިލެއްވީ މި އަހަރުގެ ގައުމީ ދުވަސް އިއްޔެ ފާހަގަކުރި އިރު، ގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި އާއްމުންގެ ހައްގުތައް ގެއްލި މުދަލަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުން ދާތީ އެވެ.
ގައުމީ ދުވަހާ ގުޅުވައިގެން، 23 ޑިސެމްބަރު އިއްތިހާދުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްބައިވަންތަކަމުގެ ޖަލްސާ އަށް، ސިންގަޕޫރުގައި ހުންނަވައިގެން އެ މަނިކުފާނު ފޮނުއްވެވި ހިތޯބެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ބޭނުންވާ ނަމަ އިސްލާމީ އަގީދާ ވަރުގަދަކުރަންޖެހޭ ކަމަށެވެ. ސައްތަ އިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ މިއަދު ގައުމުގެ ހާލަތުން ލިބިގަންނަންވީ ފިލާވަޅު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ސިޔާސީ މީހުންތަކެއް ދެ ފަހަރެއްގެ މަތިން ގެއްލިގެން ދިޔަ ކަމަށް ތާރީހުން ސާބިތުވާ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެ މީހުން ގެއްލުމުގެ ސަބަބަކީ ޣައިރު ދީނަށް އެނބުރުން ކަމަށެވެ.
"ދިވެހި ތާރީހީ ފަތްފުށްތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސިޔާސީ މީހުންތައް ގެއްލިގެން ދިޔަ ދެ ފަހަރުން ކުރެ ކޮންމެ ފަހަރަކު ވެސް އެ ކަމަށް މެދުވެރިވި ސަބަބަކީ ރާއްޖޭގެ ބަޔަކު ޣައިރު ދީނަށް އެނބުރިގެން ދިޔަ ދިއުން. ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ބަދަލުވެގެން ދިޔަ ކަމެވެ. ނުވަތަ ތަރުހީބު ދިން ކަމެވެ،" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އިއްވެވި މައުމޫންގެ ހިތޯބުގައިވެ އެވެ.
"ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ސާބިތުކަމާ އެކު ބިންވަޅު ނެގިފައި ނުވާނަމަ އަދި އެ އަގީދާ އަކީ ދިވެހިވަންތަކަމާއި ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު ބިންގާ ކަމުގައި ރައްޔިތުން ނުދެކޭ ނަމަ ދުނިޔޭގެ ހަލަބޮލި ސިޔާސީ ރާޅުތަކުގެ ތެރޭގައި މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ނޯންނާނެ" ކަމަށް ވެސް މައުމޫންގެ ހިތޯބުގައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ އިސްލާމް ދީނާއި މިނިވަންކަމާއި ދިވެހިވަންތަކަން ވަރުގަދަކުރުމުގެ ޝުއޫރުގެ މައްޗަށް ކަމަށެވެ. އަދި ގައުމުގައި އަމިއްލަވަންތަކަން ދެމިއޮތުމުގެ ކުޅަދާނަކަން މި ގައުމަށް ލިބިފައި އޮތުމުގެ ސިއްރަކީ ވެސް އިސްލާމީ އަގީދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ފަހުރުވެރި ތާރީހެއް އޮތް ގައުމެއް ކަމަށެވެ. ދިވެހިންނަކީ މުއްސަނދި ސަގާފަތަކާއި އަމިއްލަ ރީތި ބަހެއް އޮތް އަބުރުވެރި ބައެއްކަން ވެސް އެ ހިތޯބުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ