ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އަނެއްކާ ވެސް ޑީއާރުޕީ އަށް ސޮއި ކުރައްވައިފި

ކުރީ ސަރުކާރުގައި އެންމެ ފަހުން ހޯމް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އަނެއްކާ ވެސް އިދިކޮޅު ޑީއާރުޕީ އަށް ސޮއި ކުރައްވައިފި އެވެ.
މިދިޔަ އާންމު އިންތިހާބުގައި އަމިއްލަ ގޮތުން ހއ. އިހަވަންދޫ ދާއިރާ އަށް ކުރިމަތިލެއްވި އަބްދުﷲ މިއަދު ވިދާޅުވީ އޭނާ ޑީއާރުޕީ އަށް އަލުން ސޮއި ކުރެއްވީ މީގެ މަހެއްހާ ދުވަސް ކަމަށެވެ. އަދި އަލުން ޑީއާރުޕީއާ ގުޅިވަޑައިގަތުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާ އަށް އެ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ޓަކަ އެވެ. އަދި އެކަން ކާމިޔާބުކުރެއްވުމަށް ޑީއާރުޕީގެ ޓިކެޓް ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ކުރީގެ ސަރުކާރުގައި ތަފާތު މިނިސްޓްރީތައް ހިންގަވާފައިވާ އަބްދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑު ޑީއާރުޕީން ވަކިވީ ކޮންމެހެން އެ ޕާޓީގެ ބޭފުޅުންނާ މެދު ހިޔާލު ތަފާތުވެގެނެއް ނޫން. ]މަޖިލީހުގެ[ އިންތިހާބު ބޭއްވިއިރު އަޅުގަނޑުގެ މަންމަ ބަލިވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި އުޅެން ޖެހިގެން އަޅުގަނޑަށް ޕާޓީ ޓިކެޓް ނުލިބުނީ. އެކަމަކު ޕާލަމެންޓުގައި މަސައްކަތް ކުރަން އަޅުގަނޑު ބޭނުންވާތީ އަމިއްލަ ގޮތުން ކުރިމަތިލުމަށްޓަކައި ޕާޓީން ވަކިވީ. އަޅުގަނޑު ނިންމައިގެން ހުރީ ]މަޖިލީހަށް[ ހޮވުނު ނަމަވެސް ޑީއާރުޕީއާ އެކު މަސައްކަތް ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އާންމު އިންތިހާބުގައި އިހަވަންދޫ ދާއިރާ އަށް އަބްދުﷲ ކުރިމަތިލެއްވިއިރު ޑީއާރުޕީގެ ޓިކެޓުގައި އެ ދާއިރާގައި ވާދަކުރެއްވީ އަހުމަދު ނިޒާމް (ކެލާ ނިޒާމް) އެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން ވެސް ފޭލްވެ ވަޑައިގެން އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ޓިކެޓުގައި ނިކުމެ ވަޑައިގެންނެވި އަހުމަދު އަބްދުﷲ އެވެ.
އަބްދުﷲ ވިދާޅުވީ ކައުންސިލް ކަމުގެ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާއިރު ހަމަ އެ ޓިކެޓަށް އެހެން ބޭފުޅަކު ވެސް މަސައްކަތް ކުރައްވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް މި ކުރަނީ ޑީއާރުޕީގެ ޓިކެޓް ލިބޭތޯ. ލިބިއްޖިއްޔާ އަޅުގަނޑު މައްޗަންގޮޅީ ދެކުނު ދާއިރާ އަށް ޑީއާރުޕީ ޓިކެޓުގައި ނުކުންނާނަން. ޓިކެޓް ނުލިބިއްޖިއްޔާ އަޅުގަނޑު އެ އިންތިހާބުގައި ވާދައެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުގެ އާއިލާ އޮތީ މި ސަރަހައްދުގައި."
ކައުންސިލް އިންތިހާބުގައި ޑީއާރުޕީ ޓިކެޓުގައި ވާދަކުރުމަށް ގިނަ ބަޔަކު ހުށަހަޅަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ