ޓްރެޒަރީ ބިލް ވިއްކައިގެން ބަޖެޓް ދެކޮޅުޖައްސާނަމަ އެކަމުގެ ނޭދެވޭ އަސަރު އަމިއްލަ އިންވެސްޓްމެންޓްތަކަށް ކުރާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ގާސިމް ވިދާޅުވީ އޮޑިޓަ ޖެނަރަލް އޮފީހުން ލަފާދީފައިވާ ގޮތުގައި ޓީ-ބިލް ވިއްކުމުން އިންވެސްޓްމެންޓްތަކަށް ނޭދެވޭ އަސަރު ކުރަނީ ރާއްޖޭގައި ހުރި މާލީ އިދާރާތަކުންނާއި ބޭންކުންތަކުން ޓީ-ބިލަށް ފައިސާ ނަގަންޖެހޭތީ ކަމަށެވެ. އަދި އަންނަ އަހަރު ވިޔަފާރި ފައިދާގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ނުލިބިދާނެތީ އޮޑިޓަ ޖެނެރަލް އޮފީހުން ކަންބޮޑުވާކަން ފާޅުކޮށްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރު ޓީ-ބިލް ވިއްކައިގެން 1.3 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ.
ރަށްތައް ތަރައްގީކުރާނެ ގޮތުގެ ގާނޫނެއް ނެތި އެކި ސަރުކާރުން އެކި ގޮތަށް ތަރައްގީގެ ކަންކަން ކުރުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުޖެހި ބަޖެޓު ދަރަނިވުން ބޮޑުވެގެންދާނެ ކަމަށް ވެސް އޮޑިޓަ ޖަނަރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ލަފާދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޮޑިޓަ ޖެނަރަލް އޮފީހުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓާ މެދު އެމްއެމްއޭ ދެކޭ ގޮތް ހޯއްދެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އަންނަ އަހަރުގެ 12.3 ބިލިއަން ރުފިޔާގެ ބަޖެޓާ މެދު އެމްއެމްއޭ އިން ބުނެފައިވަނީ ޓީ-ބިލް ވިއްކައިގެން ފައިސާ ނުލިބިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭނެ ކަމަށެވެ.
ޓީބިލް ވިއްކާނަމަ ނޭދެވޭ އަސަރު އަމިއްލަ އިންވެސްޓްމެންޓްތަކަށް ކުރާނެ ކަމަށް އޮޑިޓަ ޖެނަރަލް އޮފީހުން ލަފާ ދީފައިވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ