ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް ވަޒީރުކަމުގެ މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމައި މިރޭ ހުކުމްކޮށްފި އެވެ. އެކަމަކު ގާނޫނީ ހުސްކަމަކަށް އަޔަނުދީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި އެމީހުންނަށް ތިބެވިދާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ދިވެހި ގައުމީ ޕާޓީން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ރުހުން ނުލިބޭ ވަޒީރުން މަގާމުން ވަކިވަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ދެން "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ތިބެވޭނެ ކަމަށް ނިންމީ އަދުލް އިންސާފު ގާއިމްކުރުމުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތަށް ބެލުމަށް ފަހު ކަމަށެވެ.
ހުކުމްގައިވާ ގޮތުގައި މަޖިލިހުގެ ރުހުން ނުލިބުނަސް ވަޒީރުން އޮޓަމެޓިކުން ވަތްކެއް ނުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އެމީހުން މަގާމުން ވަކިކުރަން ދެން ތިބޭނީ "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ކަމަށް ވިޔަސް "ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމުގެ މަގާމުގައި ދެމި ތިބެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފިން" ކަމަށް ހަ ފަނޑިޔާރުންގެ ނިންމެވުމުގައިވެ އެވެ.
ހުކުމްގައި ބުނެފައިވާ ގޮތުގައި "އެއްވެސް މާނައެއް ނެތި އަމަލްކުރަން ނުޖެހޭ ނައްސެއްގެ ގޮތުގައި" ރުހުން ދިނުމުގެ ވާހަކަ ބަޔާންކޮށްފައި އޮތުމަކީ ގާނޫނު އަސާސީ ފާސްކުރި ހާއްސަ މަޖިލިހުގެ މަގުސަދަކަށް ވެދާނެ ކަމެއް ކަމަކަށް ތަސައްވުރެއް ނުކުރެވެ އެވެ. އަދި ރުހުން ނުލިބުމަކީ ވަޒީރުންގެ މަގާމުގައި ދެމިނުތިބުންކަން ހާއްސަ މަޖިލިހުގެ ޔައުމިއްޔާތަކުން އިސްތިޚުލާސް ކުރެވެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ވަޒީރުންނަށް ރުހުން ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ރުހުން ނުލިބިއްޖެ ނަމަ "ޗެކް އެންޑް ބެލެންސް" ގެ ގާނޫނީ ނަތީޖާ ތަހައްމަލްކުރަން ޖެހޭނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައިގައި އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އަހުމަދު މުއުތަސިމް އަދުނާނުގެ ރައުޔު އަނެއް ހަ ފަނޑިޔާރުން އިއްތިފާގުވި ގޮތާ މުޅިން ތަފާތެވެ. އަދި މި މައްސަލާގައި މިރޭ ފުރަތަމަ އުއްތަމަ ފަނޑިޔާރު އިއްވެވީ ވެސް މުއުތަސިމްގެ ރައުޔެވެ.
ފަނޑިޔާރު މުއުތަސިމްގެ ރައުޔުގައި ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ހޯދުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވީ ނަމަވެސް އެއީ ފުރިހަމަ ކުރަން ޖެހޭ ޝަރުތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަންކޮށް ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރުމުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވުނީ ކަމަށާއި މަގާމުން ވަކިކުރެވޭނީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހާލަތްތަކުގައި އެކަނި ކަމަށް ވެސް އޭނާގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ.
މުއުތަސިމްގެ ރައުޔު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ނުލިބުނު ނަމަވެސް އެ މީހުން މަގާމުން ވަކިވާނެ ކަމަށް ބެލެވޭނެ ގޮތެއް ގާނޫނު އަސާސީގައި ނެތް ކަމަށެވެ.
މި މައްސަލަ ހުށަހެޅުއްވި އަލީ ވަހީދު، ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރުހުން ނެތް ވަޒީރުންގެ ބަދަލުގައި ކަމަށް ގާބިލް ވަޒީރުން އައްޔަންކޮށް ރުހުން ހޯދަން ފޮނުވުމުން މަޖިލީހުން ރުހުން ދޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް ވީ އެންމެ އަވަހަކަށް ފައިނޭންސް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ކާމިޔާބީގެ މިވަގުތުގައި ހިތްތިރިކޮށް ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީގެ އެންމެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
ދިވެހި ގައުމީ ޕާޓީގެ ވަކީލާ އައިމިނަތު އަލީ މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން އެނގެނީ ގާނޫނު އަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެކަން ކަމަށެވެ.
މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ރުހުން ނުލިބެނީ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އަދި ބަންޑާރަ ނާއިބު އަހުމަދު އަލީ ސަވާދަށެވެ.
ރުހުން ދިން ފަސް ވަޒީރުންނަކީ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ