އެއިޑްސްއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، އެ ބަލި ޓެސްޓް ކުރެވޭ ސެންޓަރެއް ޝީއިން ހުޅުވައިފި

އެއިޑްސް ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، އެ ބަލި ޓެސްޓް ކުރެވޭ ސެންޓަރެއް ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އިން މިއަދު ހުޅުވައިފި އެވެ.
ދުނިޔޭގެ އެއިޑްސް ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު "ވޮލެންޓަރީ ކައުންސެލިން އެންޑް ޓެސްޓިން ސެންޓަރު"ގެ ނަމުގައި ޝީ ބިލްޑިންގައި ހުޅުވި އެ ސެންޓަރަކީ އެއިޑްސްއާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ ސިއްރުވެރި ގޮތެއްގައި އެ ބައްޔަށް މީހުން ޓެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ޔޫއެންޑީޕީ އާއި ގްލޯބަލް ފަންޑުގެ އެހީގައި ގާއިމްކުރި ތަނެކެވެ.
ޝީ އިން ބުނިގޮތުގައި ލެބޯރެޓަރީ ވަސީލަތްތަކާއެކު ހުޅުވި އެއް ކޮޓަރީގެ އެ ސެންޓަރު ބޮޑަށް ހާއްސަކޮށްފައި ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންނަށެވެ. ނަމަވެސް އެ ތަނުން ހުރިހާ އެންމެންނަށް ވެސް ހިދުމަތްދޭނެ ކަމަށް ޝީއިން ބުންޏެވެ. އެ ސެންޓަރުގައި ހިދުމަތްދޭނީ އެ ކަމަށް ހާއްސަވެފައިވާ ޓްރެއިންޑް މީހުން ކަމަށް ވެސް ޝީ އިން ބުންޏެވެ.
ޝީ ބިލްޑިންގައި މިއަދު ހެނދުނު އޮތް ކުޑަ ރަސްމިއްޔާތަކަށް ފަހު އެ ސެންޓަރު ހުޅުވައިދެއްވީ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންޑްރޫ ކޮކްސް އެވެ.
އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރާއްޖޭގައި އެއިޑްސް ބަލި ޖެހިފައިވާ ގިނަ ބަޔަކު ނެތް ނަމަވެސް ބަލި ހަލުވި ކަމާ އެކު ފެތުރިގެންދާނެ ކަމުގެ ބިރުއޮތް ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު އެ މީހުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ކޮކްސް ވިދާޅުވި އެވެ.
އެއިޑްސް ބަލި ޖެހިފައިވާ 33.3 މިލިއަން މީހުން މުޅި ދިނިޔޭގައި ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު ރާއްޖޭގައި ވެސް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ