ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ދެވަނަ ފަހަރަށް ހާޒިރުވެ ޖާވާބު ދާރީވާން ބޭނުންނުވަނީ ކޮމިޝަނުގައި ތިއްބެވި ކަމާ ނުގުޅޭ ބޭރުގެ އޮބްޒާވަރުން ސުވާލު ކުރާތީ ކަމަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް މިއަދު ހާޒިރުވެ ފެބުރުއަރީ ހަތެއްގެ ވެރިކަން ބަދަލުވި ގޮތުގެ މައުލޫމާތު ސާފުކުރުމަށް ކޮމިޝަނުން އުމަރު ނަސީރަށް ދެއްވި ދައުވަތު އޭނާ ވަނީ ބަލައިނުގެންފަ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ރައީސް ވަހީދު އުފައްދަވާފައިވާ ކޮމިޝަނުން ބޭނުންވެގެން ދެ ގަޑިއިރު ވަންދެން މައުލޫމާތު ދެއްވާފައިވާ ކަމަށާއި ނަމަވެސް މިއަދު އަލުން މައުލޫމާތު ތަކުރާރުކޮށް ދެއްވުމަށް ވަޑައިގަތުމުގެ ބޭނުމެއް އޮތްކަމަށް ދެކިވެޑައިނުގަންނަވާ ކަމަށެވެ.
އިންކުއަރީ ކޮމިޝަނުން އުމަރު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކޮމިޝަން ރައީސުލްޖުމުހިރއްޔާ އަލުން އެކުލަވާލެއްވުމާ ގުޅިގެން ކޮމިޝަނުގެ މިހާރު ތިއްބެވި މެންބަރުން އުމަރާ ބައްދަލުކުރައްވައި އިތުރު މައުލުމާތު ސާފުކުރަން ބޭނުންވާތީ މިއަދު ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.
"... މިކޮމިޝަން ރައީސުލްޖުމުހުރިއްޔާ އަލުން އެކުލަވައި ލެއްވުމާ ގުޅިގެން ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުން ތިޔަ ފަރާތާ ބައްދަލުކޮށް މި ހާދިސާ އާއި ބެހޭ މައުލޫމާތު އިތުރަށް ސާފުކުރުމަށް ބޭނުން ވާތީ 2 އޮގަސްޓް 2012 ދުވެހުގެ ހެނދުނު 11 އަށް ކޮމިޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ،" އިންކުއަރީ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ގޮތުން ބޭރުން އޮބުޒާވަރުންގެ ގޮތުގައި ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ސުވާލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކޮމިޝަނަށް ހާޒިރުވާން ބޭނުން ނުވާ ކަމަށް ބުނެ ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށެވެ.
"އޮބްޒާވަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކަށް އެތަނަށް ވަދެ ސުވާލުކުރުމުގެ އިހުތިޔާރެއް ހުއްދައެއް ނޯންނާނެ. ބޭރުގެ ބައެއް ޖަމިއްޔާތަކުން އީޔޫއިން ކޮމަންވެލްތުން މެންބަރުން ކޮމިޝަނަށް އައްޔަން ނުކުރައްވާފައި ވަނީ ރާއްޖޭގެ ދާހިލީ ކަންތަކުގެ ތެރެއަށް އެބޭފުޅުން ނަށް އެ ފުރުސަތު ނުދޭން ވެގެން . އެކަމު އޮބްޒާވާ ސްޓޭޓަސް ދިނުމަކީ ރަނގަޅުކަމެއް. އޮބްޒާވަރުންގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅުން އަމަލު ކުރަމުން ގެންދަނީ އެހެން ގޮތަކަށް. ރައީސް މައުމޫނާއި ވެސް އޮބްޒާވަރުން ސުވާލު ކުރެއްވި. އަދި އެތަނަށް ވަޑައިގެންނެވި އެހެން ބޭފުޅުންނާ ވެސް ސުވަލުކުރެއްވި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެފަދަ ކޮމިޝަނެއްގައި އޮބްޒާވުކުރެއްވުމަށް ތިއްބެވި ބޭފުޅުންނަށް އެއްވެސް މީހަކަށް ސުވާލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެތަނަށް އޭނާ ހާޒިރުވެ އޮބްޒާވަރުން ސުވާލުކުރުމުން އޭނާ އަށް ޖަވާބު ނުދީވެސް އިނދެވިދާނެ ކަމަށެވެ. ނަމަވެސް އެތަނަށް ހާޒިރުވެ އެހެން މީހުންނާ އޮބްޒާވަރުން ސުވާލު ކުރާތީވެ އެކަމާ ނުރުހުން ފަޅުކުރުމުގެ ގޮތުން އޭނާ ހާޒިރުވެވަޑައިގަތުމަށް ބޭނުން ނުވަނީ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމިޝަން އަލުން އެކަލަވާލެއްވި އިރު ކޮމަންވެލްތުގެ ފަރާތުން ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދެއްވުމުގެ ގޮތުން ނިއުޒީލެންޑުގެ ރިޓަޔާޑް ޖަޖު ސާ ބުރޫސް ރޮބަޓްސަން އަދި އދ. ފަރާތުން ކޮމިޝަނަށް އެހީތެރިވުމަށް އެމެރިކާގެ ޕްރެފެޝާ ޖޯން ޕެކާ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ނެޝަނަލް އިންކްއަރީ ކޮމިޝަން އަލުން އެކުލަވައިލި އިރު އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަހުމަދާއި ޑރ. އަލީ ފަވާޒު ޝަރީފާއި ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމާއި ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ގަހާ އަހުމަދު ސައީދެވެ.
އިންކްއަރީ ކޮމިޝަނަށް އަލުންދާން ބޭނުން ނުވަނީ އޮބްޒާވަރުން ސުވާލު ކުރާތީ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ