ވިކްޓްރީގެ މައްޗަށް ކުރި ހޯދާ މާޒިޔާ ލީގުގެ އެއްވަނައަށް

1-3 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް ކުރި ހޯދާ މާޒިޔާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މި މޮޅާއެކު މާޒިޔާ ލީގުގެ އެއްވަނައިގައި އޮތީ 40 ޕޮއިންޓާއެކީގަ އެވެ. ނަމަވެސް މާދަމާ ނިއު ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އަލުން އެޓީމަށް ލިބޭނެ އެވެ. މި މެޗުން ބަލިވި ވިކްޓްރީ އޮތީ 20 ޕޮއިންޓާއެކީ ލީގުގެ 4 ވަނައިގަ އެވެ.
މި މެޗުގެ 6 ވަނަ މިނެޓްގައި މާޒިޔާއިން ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނަގާފަ އެވެ. ސަމްދޫހު ނަގައިދިން ކޯނަރަކުން މި ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. ނަމަވެސް އޭގެ 5 މިނެޓްފަހުން ވިކްޓްރީގެ އިބްރާހިމް ޝަފްރާޒް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މާޒިޔާއިން ވަނީ މެޗުގެ 20 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް މި މެޗުގެ ލީޑުނަގާފަ އެވެ. އައްސަދު އަލީ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ހަސަން ޝަފްރާޒް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ފޯވާޑް އަސަދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ވިކްޓްރީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުންކުރެ ޓީމަކަށް ލިބިފައެއް ނުވެ އެވެ.
މާޒިޔާއިން އެޓީމުގެ ތިންވަނަ ގޯލްޖެހީ މެޗުގެ ފަހު މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މި މެޗުން 3 ޕޮއިންޓަށް ކަށަވަރުކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ކްލަބް ވެލެންސިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ