މަޖިލީހުގެ ކޮމެޓީއެލަވަންސާ ދެކޮޅަށް މިއަދު ހަވީރު އަޑުއުފުލަން ސުނާމީ ބިނާ ސަރަހައްދަށް އެއްވަނީ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސްގެ މައްސަލައާ ދެކޮޅަށް އަޑުއުފުލައި ޝުއޫރު ފާޅު ކުރުމަށް އަމިއްލަ ބައެއް ފަރުދުން މިއަދު ހަވީރު ސުނާމީ ބިނާ ސަރަހައްދަށް އެއްވުމަށް ނިންމައިފި އެވެ.
އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން މިއަދު ބުނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ސުނާމީ ބިނާ ސަރަހައްދަށް އެއްވުމަށް ނިންމީ އަމިއްލަ ފަރުދުންތަކެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ އެއްވުމުގެ ބައިވެރިންގެ ހިޔާލު އެކަމުގައި ހުރި ގޮތް ފާޅުކުރުމުގެ ގޮތުން ބާއްވާ އެއްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލާއި ކޮމިޓީ އެލަވަންސްދޭން މަޖިލީހުން މިދިޔަ އަހަރު ފާސްކުރުމުން ވެސް އަޅުގަނޑުމެން ވާނީ އެކަމާ ދެކޮޅަށް ކެމްޕޭން ކޮށްފައި. ނަމަވެސް މާލިއްޔަތު ކޮމިޓީން ނެގި އެޑިސިޝަނުން ދޭހަކޮށްދެނީ އަމިއްލަ ފަރުދުންގެ ހިޔާލުގެ އެއްވެސް އަގެއް ނެތް ކަން،" އެއްވުމުގައި އިސްކޮށް ހަރާކާތްތެރިވާން ތައްޔާރުވަމުން އަންނަ މީހަކު ބުންޏެވެ.
މިއަދު ހަވީރު އާޓީފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ އެއެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޤާނޫނީ ވަކީލަކު މިއަދު ވިދާޅުވީ އެބޭފުޅުން އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން އެ އެއްވުމުގައި ބައިވެރިވާން ނިންމީ އެހާ ގިނަ ފައިސާތަކެއް އެއް ފަހަރާ ދައުލަތުގެ ބަޖެޓުން ހަރަދުވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 20،000ރ. ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް 62،500ރ.ގެ މުސާރަ އާ އެކު 12 މަސް ދުވަހަށް މިލިއަނެއްހާ ރުފިޔާ ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމައިފައި ވަނީ މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މެންބަރަކަށް ގަނޑުކޮށް 140،000ރ. ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ވަނީ އަންގަވައިފަ އެވެ.
ޖެނުއަރީ މަހުން ފެށިގެން ހަތް މަހުގެ އެލަވަންސް އެއްފަހަރާ ދިނުމަށް ފަހު، މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން 20،000ރ.ގެ ކޮމެޓީ އެލަވަންސް ބެހުމަށް ކަނޑައަޅާފައި ވަނީ، ކޮމެޓީތަކަށް މެންބަރުން ވަޑައިގަންނަވާ ގޮތެއްގެ މަތީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
އެގޮތުން 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަ ވާނީ މަހަކު 10000ރ. އެވެ. 20،000ރ.ގެ އެލަވަންސް އެއްކޮށް ލިބިވަޑައިގަންނަވާނީ، ކޮމެޓީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނިސްބަތް 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ