ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާ މެންބަރުންގެ އަދަދު 12 އަށް އަރައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސް ނަންގަވަން ބޭނުންފުޅު ނުވާ މެންބަރުންގެ އަދަދު 12 އަރާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން އާންމު މިއަދު ވިދާޅުވީ ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ނަންގަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ރަސްމީކޮށް މަޖިލީހަށް އެކަން ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ މެންބަރުންގެ އިތުރުން މިނިވަން މެންބަރެއް ކަމަށެވެ. އެއީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އަދި ފޯނުން ގުޅުއްވައި ކޮމެޓީ އެލަވަންސް ނަންގަވަން ބޭނުންފުޅު ނުވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އެއްވެސް ކޮމެޓީއެއްގައި ހިމެނިވަޑައި ނުގަންނަވާތީ އެމަނިކުފާނު ވެސް ކޮމެޓީ އެލަވަންސް ނުނަންގަވާނެ ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް އެއްވެސް އިދިކޮޅު މެންބަރަކު މަޖިލީހަށް އަންގާފައި ނުވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 34 މެންބަރުންގެ ތެރެއިން ދިހަ މެންބަރަކު ވަނީ ކޮމެޓީ އެލަންސްގެ 20،000ރ. ބޭނުންފުޅު ނުވާ ކަމަށް ރަސްމީކޮށް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ އިތުރުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް ހިމެނިވަޑައިގަންވަނަވައެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވެސް ކޮމެޓި އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް މަޖިލީހަށް އަންގަވާފައިވެ އެވެ.
އެލަވަންސް ބޭނުންނުވާ ބައެއް މެމްބަރުން ފޯނުންނާއި އެސްއެމްއެސް މެދުވެރިކޮށް މަޖިލީހަށް އެކަން އަންގަވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސިޓީއަކުން މެންބަރުންނަށް އިއްޔެ ދަންނަވާފައި ވަނީ ރަސްމީކޮށް ސީޓިއަކުން އެކަން އެންގެވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމައިފައި ވަނީ މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މެންބަރަކަށް ގަނޑުކޮށް 140،000ރ. ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ވަނީ އަންގަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ