ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމް މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން މިމަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގެ ތެރޭގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް އެޕާޓީއަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބާއްވައިފިނަމަ އެ ޕާޓީއަށް އިއާދަނުކުރެވޭ ވަރުގެ ގެެއްލުންތަކެއް ލިބޭނެ ކަަމަށްވެސް ބުނެފައިވެ އެވެ.
މިމައްސަލާގައި އިތުރަށް ބުނެފައިވަނީ "ހާލަތުއްޟަރޫރާގެ މަބްދައުއަށް" ނުވަތަ ދިމާވި ހާލަތަށް ރިއާޔަތްކުރުމަށްފަހު ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހު ދެމަސް ދުވަހުގެ ފަހުގެ ތާރީހެއްގައި ބާއްވައި ދިނުމަށް އަމުރުކޮށްދޭން އެދޭ ކަމަށެވެ.
މިމައްސަލައަށް ރައީސް މައުމޫން ތަދައްޚުލްވުމަށް ހުށަހެޅުއްވުމުން ކޯޓުން މިއަދު ވަނީ އެމަނިކުފާނަށް އެ ފުރުސަތު ދެއްވާފަ އެވެ. އަދި މައްސަލައާއި ގުޅޭ ބަޔާންތައް ބަދަލުކުރުމަށް މާދަމާ ކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފަ އެވެ. މިމައްސަލާގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ކޯޓުގައި ވަކާލަތު ކުރައްވާނީ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އެވެ.
އިންތިހާބު ފަސްކުރުމަށް ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅުމުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެމައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް ކޯޓަށް ހުށަހެޅުމުން އެޕާޓީ އަށް ވެސް ކޯޓުން ފުރުސަތު ދީފައިވެ އެވެ.
ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ މީހުން ރީ ރަޖިސްްޓްރީކުރުމަށް އިތުރު ވަގުތު ދިނުމަށް ވެސް މިމަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުުރުކޮށްފަ އެވެ. ކޯޓުގެ މިއަމުރާއި ގުޅިގެން ރީރަޖިސްޓްރީ ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުން އެކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޖުމްލަ އިންތިހާބުކުރަން ޖެހެނީ 653 ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަކަށް 563 ކައުންސިލަރުންނާއި، 18 އަތޮޅު ކައުންސިލަކަށް 67 ކައުންސިލަރުންގެ އިތުރުން ތިން ސިޓީ ކައުންސިލަކަށް 23 ކައުންސިލަރުންނެވެ.
އިންތިހާބު ފަސްކުރަން ހުށަހެޅި މައްސަލައަށް ރައީސް މައުމޫން ވެސް ވަދެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ