ނުރަސްމީ ގަޑީގައި ވެސް އިސްތިއުނާފް ފޯމް ބަލައިގަތުމަށް ސިވިލް ކޯޓުން ނިންމައިފި

ސިވިލް ކޯޓުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނުރަސްމީ ގަޑިތަކުގައި ވެސް ފޯމް ހުށަހެޅޭ ގޮތަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފް ކުރާނަމަ އެމައްސަލައެއް މިހާރު ހުށަހަޅަންޖެހެނީ އެ މައްސަލައެއް ނިންމި ކޯޓަށެވެ. އޭރުން އެ ކޯޓަކުން މައްސަލައިގެ ލިޔުންތައް ހައި ކޯޓަށް ފޮނުވާނެ އެވެ.
ސިވިލް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހައިކޯޓަށް އިސްތިއުނާފަށް ފޮނުވުމުގެ މުއްދަތު ހަމަވެފައި ނުވާ މައްސަލަތަކުގެ އިސްތިއުނާފް ފޯމްތައް ރަސްމީ ގަޑީގައި އާއި ނުރަސްމީ ގަޑިތަކުގައި ވެސް ބަލައިގަންނަ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ސިވިލް ކޯޓުން ބުނީ މިގޮތަށް ހަމަޖެއްސީ ކޯޓުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިސްތިއުނާފީ ފޯމް ބަލައިގަތުމުގެ ހިދުމަތް ތަނަވަސް ގޮތެއްގައި ހަމަޖެހިފައި އޮތުމަކީ އެފަދަ ފަރާތްތަކަށް ބޭނުންތެރި ކަމަކަށް ވާނެތީ ކަމަށެވެ.
"ވީމާ މިގޮތުގެ މަތިން އިސްތިއުނާފީ ފޯމްތައް ބަލައިގަތުމުގައި 1 ޑިސެމްބަރު 2016 މިތާރީހުން ފެށިގެން މިގޮތަށް އަމަލުކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" ސިވިލް ކޯޓުގައި އިއުލާންގައިވެ އެވެ.
ސިވިލް ކޯޓުން ލޯކަލް ކައުންސިލް އިންތިހާބު ދެމަސް ދުވަހަށް ފަސްކުރުމަށް މިމަހުގެ އެއްވަނަ ދުވަހު ހުކުމް ކުުރުމުން އިލެކްޝަންސް ކޮމިޝަނުން އެމައްސަލަ އިސްތިއުނާފަށް ހުށަހެޅީ ވެސް ރަސްމީ ބަންދު ދުވަހެއް ކަމުގައިވާ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ