އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓާ ނުގުޅިގެން އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލެއްވުމަށް އެމްޑީޕީން ބޭފުޅަކަށް ޓިކެޓް ދެއްވުމަށްފަހު، އެ ނިންމުން ބާތިލްކޮށް އެ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމަށް ނިންމާ ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ޓިކެޓް ދިނުމަށްފަހު އެ ނިންމުން ބާތިލުކޮށް އަލުން ޕްރައިމަރީއަށް ހުޅުވާލުމަށް ޗެއާޕާސަން ސޮއި ކުރައްވާ އިންތިހާބު ކޮމިޓީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމީ ޕްރައިމަރީއަކާ ނުލާ އެ ދާއިރާގެ ޓިކެޓް ކަށަވަރުވެފައިވާ އުބައިދުﷲ މުއާޒަށް އެމްޑީޕީން ގުޅުމުން ފޯނު ނުނެންގެވުމާއި ކެމްޕޭނު ކަންކަމުގައި ނޫޅުއްވާތީ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ މިދައިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންވާ ޕާޓީގެ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު މާދަމާ މެންދުރު 12:00 ޖެހުމުގެ ކުރިން އެމްޑީޕީގެ އޮފީހަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިދާއިރާގެ ޕްރައިމަރީ ބާއްވަންޖެހިއްޖެނަމަ ޕްރައިމަރީ ބާއްވާނީ ކުރިއަށް އޮތް ހުކުރު ދުވަހު ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން މަޖިލީހުގެ 85 ދާއިރާއަށް ވާދަ ކުރާއިރު ބައެއް ދާއިރާތަކުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ބައެއް މެމްބަރުންނަށް ވަނީ ލިބިފަ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ބޮޑު ބައެއް މިހާރުވެސް ނިންމާލާފައިވާއިރު މިހާރު މަޖިލިސް މެމްބަރު ކަން ކުރައްވަމުން ގެންދަވާ ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި ޕްރައިމަރީތައް ކުރިއަށް ގެންދިޔައިރު ބައެއް ކަހަލަ މައްސަލަތައް ކުރިމަތިވެ އެއް ދުވަހު ޕްރައިމަރީ މެދު ކަނޑާލަންވެސް ޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ