ޒިމްބާބްވޭގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އެއިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމަށް އިދިކޮޅު ކެނޑިޑޭޓް އަދި އެޤައުމުގެ ބޮޑުވަޒީރު މޯގަން ސްވަންގިރާއީ ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން ފަސްދޮޅަސް އެއްއަހަރުގެ ސްވާންގިރާއީ ވިދާޅުވީ އިންތިހާބު އަންނައިރު އެޤައުމަށް އެއްވެސް އިސްލާހީ ބަދަލެއް ގެނެވިފަނުވާކަމަށެވެ. ސްވާންގިރާއީ ވިދާޅުވީ އެޤައުމުގެ މީޑިއާއަށް އިންސާފުވެރިކަމާއެކު ޚަބަރުފެތުރުމުގެ މިނިވަންކަން ވެސް ލިބިފައިނުވާކަމަށާ އަދި އިންތިހާބުގެ ތެރެއަށް ވަރަށް ބޮޑަށް ސަރުކާރުގެ މުއައްސަސާތަކުގެ ނުފޫޒު ވަދެފައިވާކަމަށެވެ.
ސްވާންގިރާއީ ވާދަކުރައްވަނީ މިހާރުގެ ރައީސް ރޮބަޓް މުގާބޭއެވެ. އުމުރުފުޅުން މިހާރު އަށްޑިހަނުވަ އަހަރުވެފައިވާ މުގާބޭ ވަނީ ނުވަދިހަ އިންސައްތަ ވޯޓާއެކު އިންތިހާބު ކާމިޔާބުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤައުމު ތަރައްޤީކޮށް ޤައުމުގެ އިޤްތިޞާދު ރަގަޅު ފާލަކަށް އެޅުވުމަށް މުގާބޭ މާބޮޑު ސިޔާސަތުތަކެއް އިޢުލާން ކުރައްވާފައެއްނުވެއެވެ. އެއާ ހިލާފަށް ސްވާންގިރާއީ ވަނީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދޭނެކަމަށާ އެޤައުމުގެ ސިނާއަތްތައް ކޮޅަށް ޖަހާދެއްވާނެކަމަށާ ޒިމްބާބްވޭގެ އިޤްތިޞާދު ރަގަޅުކުރުމަށް މުހިއްމު ފިޔަވަޅުތައް އަޅުއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ސްވާންގިރާއީ ވަނީ ދެހާސްއަށްވަނަ އަހަރު ވެސް ރިޔާސީ އިންތިހާބުގަ ވާދަކުރައްވާފައެވެ. އަދި އެފަހަރު ފުރަތަމަ ބުރުގަ އެންމެ ގިނަ ވޯޓް ހޯއްދެވީވެސް ސްވާންގިރާއީއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވޭނެ މިންވަރަށް އޭނާއަށް ވޯޓް ހޯއްދެވިފައެއްނުވެއެވެ. އޭނާގެ ޖަގަހަތަކަށާ ސަޕޯޓަރުންނަށް ހަމަލާދެމުންދާކަމަށް ބުނެ އެފަހަރު ދެވަނަ ބުރުގަ ސްވާންގިރާއީ ވާދައެއް ނުކުރައްވައެވެ. މުގާބޭ ދެވަނަ ބުރު ކާމިޔާބުކުރެއްވީ އަށްސަތޭކަ ފަސް އިންސައްތަ ވޯޓުންނެވެ. ނަމަވެސް އެފްރިކަން އިއްތިހާދުގެ ޕްރެޝަރާ ހެދި މުގާބޭ ވަނީ ސްވަންގިރާއީއަށް ބޮޑުވަޒީރުކަން ދެއްވާ އޭނާ އެކުލަވާލެއްވި ސަރުކާރުގަ ބައިވެރިކުރައްވާފައެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަށްފަހު މުގާބޭއާ ސްވާންގިރާއީއާ ދެބޭފުޅުންވެފައިވާ އިއްތިހާދު ނިމުމަކަށް އަންނާނެއެވެ.
ނަވާރަސަތޭކަ އަށްޑިހަވަނަ އަހަރު މުގާބޭ އެންމެ ފުރަތަމަ ހަވާލުވެވަޑައިގަތީ ޒިމްބާބްވޭގެ ބޮޑުވަޒީރުކަމާއެވެ. ނަމަވެސް އެމަޤާމު އުވާލުމަށްފަހު ނަވާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު މުގާބޭ ވަނީ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބު އިންސާފުވެރި ނުވާނެކަމަށް ސްވާންގިރާއީ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ