މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނިލަންދޫ ދާއިރާ ފިޔަވާ 84 ދާއިރާގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.
ވަގުތީ ނަތީޖާ އިއުލާން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރު މުހައްމަދު ފާރޫޤު ވިދާޅުވީ ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވުނީ އެ ދާއިރާއިން އެއްވަނަ ލިބުނު ކެންޑިޑޭޓާއި ދެވަނަ ލިބުނު ކެންޑިޑޭޓާއި ދެމެދު އެންމެ ވޯޓެއްގެ ތަފާތު ހުރުމުން އިތުރަށް ބެލުމަށް ކަމަށެވެ. ފާރޫޤު ވިދާޅުވީ ނިލަންދޫ ދާއިރާގެ ވޯޓާއި ގުޅޭގޮތުން ކޮމިޝަނަށް ގިނަ ޝަކުވާތަކެއްވެސް ހުށަހެޅިފައިވާކަމަށާއި ބާތިލް ވޯޓުވެސް އެދާއިރާގައި ވަރަށް ގިނަކަމަށެވެ.
ކޮމިޝަނުން ނިންމާފައިވަނީ ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނުމަށް ކަމަށާއި އަލުން ގުނަން ނިންމާފައިވާއިރު އެ ދާއިރާގެ ވޯޓު އެކި ހިސާބުތަކުގައި ހުރި 50 ފޮއްޓަކަށް ލާފައިވާކަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭން ބޭރުގައި ބެހެއްޓި ތިން ފޮއްޓާއި ރިސޯޓުތަކާއި އުތުރާއި ދެކުނުގެ ރަށްތަކުގައި ބެހެއްޓި ފޮށިތަކަށްވެސް ނިލަންދޫ ދާއިރާގެ ވޯޓު ލާފައިވާކަމަށެވެ.
"އެދާއިރާގައި މި އުޅެނީ އެންމެ ވޯޓެއްގެ ތަފާތު. އެހެންވެ އަލުން ގުނަނީ ދެން ޝަކުވާވެސް ވަރަށް ގިނަ ނިލަންދޫ ދާއިރާގެ ވޯޓާއި ގުޅޭގޮތުން. ޝަކުވާ ގިނަނަމަ އަކުން ގުނާނަން. އެހެންވެ ގުނަނީ. އެހެން ފޮށިތައްވެސް ގުނާނަން ގުނަން ޖެހިއްޖިއްޔާ. އެގޮތުން މިއަދުވެސް ވާނެ 4 ފޮއްޓެއް ގުނާފަ،" ފާރޫޤު ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ ވޯޓުގައި އެއްވޯޓުގައި ތަފާތު އުޅޭއިރު އެ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވޯޓުގެ ތަފާތާއެކު ކުރީގައި އޮތީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓު އަބްދުﷲ ޚަލީލެވެ. ދެވަނައިގަ އޮތީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުލް މުހުސިން ހަމީދެވެ.
ކޮމިޝަނުން ބުނީ ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ ބުރާސްފަތި ދުވަހު އިއުލާން ކުރެވޭވަރު ވާނެކަމަށެވެ.
ފާރޫޤު ވިދާޅުވީ މިރެއާ ހަމައަށްވެސް އިއުލާން ކުރީ ވަގުތީ ނަތީޖާ ކަމުން އަދިވެސް ދާއިމީ ނަތީޖާ އިއުލާން ކުރާއިރު ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ކޮމިޝަނުން މިރޭ ވަނީ ހަތް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ. އެއާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 84 ދާއިރާ އެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށް ވަނީ ނިމިފައެވެ.
ނިލަންދޫ ދާއިރާ ފިޔަވާ 84 ދާއިރާގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ