ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނާނެ ކަަމށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރަށްރަށަށް ތަރައްގީ ގެނެވޭނީ އެ ރަށެއްގެ ކައުންސިލް ބާރުވެރިކޮށްގެން ކަމަށާއި އެކަމަށް ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އޭޑީކޭ އަހްމަދު ނަޝީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ގާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭން ޖެހޭ ބާރުވެރިކަން ނުލިބުން ކަމަށެވެ. އަދި އެ ބާރުވެރިކަން ހޯދައިދީ ރަށްރަށަށް ތަރައްގީ ގެނައުމަށް ދެން އޮންނަ މަޖިލީހެއްގައި އެމްޑީޕީގެ އަޣްލަބިއްޔަތު އޮތުން ކޮންމެހެން ވެސް މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ހަމަޖެއްސުމުން ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތެއް ހަމަޖެހޭނެ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެހެން ރަށަކުން ބަޔަކު ގޮސް މަސައްކަތް ކޮށްދީގެން އެ ރަށަކަށް ތަރައްގީއެއް ނުގެނެވޭނެ އެވެ. އަދި އެކަން ހަމައެކަނި ކުރެވޭނީ ރަށު ކައުންސިލްތަކަށް ކަން ނަޝީދު ފާހަގަ ކުރެއްވެވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ފާހަގަވި އެއް ކަމަކީ ރަށްރަށުގެ ކަންކަން ހިންގޭނީ އެ ރަށެއްގެ ރަށު ކައުންސިލަށްކަން. މާލޭގައި އިންނަވާ މިނިސްޓަރަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުދަމާ އާއި ފަޅުފުން ކުރުން ފަދަ މަސައްކަތް ހިނގާގޮތް ބެލުމަކި ކުރެވޭނެ ކަމެއް ނޫން. އެކަން ވާނީ ކައުންސިލްތަކަށް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ އަޣްލަބިއްޔަތު ލިބިފައިވަނީ ކޮން ޕާޓީއަކަށްތޯ ބެލުން މުހިއްމު ނޫން ކަމަށާއި އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ ރަށްތަކަށް ކުރިއެރުން ގެނެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެން އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ތަރައްގީއަށް އެޅިފައިވާ އަނެއް ހުރަހަކީ ރާއްޖޭގެ ޝަރުއީ ދާއިރާ "ތަޣައްޔަރުވެފައި" އޮތް އޮތުން ކަމަށެވެ. އެކަމަކު އެމްޑީޕީ ނޫން އެހެން ޕާޓީއަކުން އެ ދާއިރާ އިސްލާހުކުރުމަށް ވާހަކަ ނުދައްކާ ކަމަށާއި އޭގެ ސަބަބަކީ އެ ޕާޓީތަކާއި ޝަރުއީ ދާއިރާ ގުޅިފައި އޮތް އޮތުން ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނެސް، ގާނޫނީ ގޮތުން ލިބިދޭ ބާރުތައް ދީގެން ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަށް މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ