ރައްޔިތުންގެ މަޖިލީހަކީ މަސްއޫލިއްޔަތު އަދާކުރާ ގަދަރުވެރި ތަނަކަށް ހަދަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް ނަހުލާ އަލީގެ ކެމްޕޭން ހަރަކާތްތައް ފައްޓަވައިދެއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވާން ޖެހޭ ތަނެއް ކަމަށާއި ނަމަވެސް މިއަދު އެތަނުގައި ހިނގަމުންދާ ކަންކަން އަލަށް އިންތިހާބުވެގެން އަންނަ މަޖިލީހުން ފެންނަން ބޭނުން ނުވާ ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ބޭނުންވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެހެން ނޫންނަމަ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށާއި ވައުދުތައް ފުއްދުމަށް އުދަގޫވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކިތަންމެ މޮޅަށް ކިތަންމެ ގިނަ ޕްލޭންތަކެއް ހެދި ނަމަވެސް އެކަންކަން ރައްޔިތުންނަށް ހާސިލްކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ލިބިގެން ކަމަށެވެ.
"ރައީސް ޔާމީން ހުށަހެޅުއްވި މެނިފެސްޓޯގައިވާ ކަންކަން ހާސިލްކުރުމަށް ހަދަންޖެހޭ ގާނޫނުތަކެއް އެބަހުރި. އަދި އިސްލާހުކުރަންޖެހޭ ގާނޫނުތައް ވެސް އެބަހުރި. މިކަންކުރެވެން މިއޮތީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުމަށްޓަކައި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ކޯލީޝަނުގެ ކެންޑިޑޭޓުންނަށް އެކިއެކި ގޮތްގޮތުން ކޯލީޝަނުގެ ދެ ބައިވެރިން ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަރަށް އިހްލާސްތެރިކަމާއެކެ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލީޝަނުގައި ހިމެނޭ ޕާޓީ ތަކުން ވަކި ކެންޑިޑޭޓުން ތަކެއް ނެރެފައިވަނިކޮށް ކޯލީޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަމިއްލަ ނަމުގައި އިންތިހާބުގައި ވާދަކުރަމުންދާތީ އެމައްސަލައިގައި ވެސް މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ ކޯލީޝަނުގެ ކެންޑިޑޭޓުން ވާދަކުރައްވާ ދާއިރާތަކަށް ކޯލީޝަނަށް ނިސްބަތްވާ ފަރާތްތަކުން އަމިއްލަ ގޮތުން ވާދަކުރުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ.
"މިކަމާއި ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން ވޯޓްތައް ބައިބައިވެގެންދާނީ. މިކަމުގެ ހުރިހާ ފައިދާއެއް ނަގާނީ އެމްޑީޕީ އިން،" މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ގަދަރުވެރި ތަނަކަށް ހަދަން ޖެހިއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ