ރައީސް މައުމޫން ކެމްޕެއިން ދަތުރެފުޅެއްގައި އަތޮޅުތަކަށް ވަޑައިގަންނަވައިފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުގައްޔޫމްއަށް ކެމްޕޭން ކުރެއްވުމަށްޓަކައި އެ ޕާޓީގެ ލީޑަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ރައީސް މައުމޫން މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނެވީ ރ.ކިނޮޅަހަށް ކަމަށާއި ކިނޮޅަހުން އެ އަތޮޅު ދުވާފަރަށާއި އަލިފުށި އަދި ށ. ފުނަދޫ އަށާއި ހދ. ކުޅުދުއްފުށި، އަދި ހއ. ދިއްދު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިތުރަށް މަހުލޫމް ވިދާޅުވީ ރައީސް މައުމޫންއާއި އެކު އެޕާޓީގެ ރިޔާސީ ކެންޑީޑޭޓް ޔާމީން އާއި ރިޔާސީ ކެންޑީޑޭޓްގެ ރަނިންމޭޓް ޖަމީލުވެސް ބައިވެރިވެ ވަޑާއިގަންނަވާ ކަމަށެވެ.
"ރައީސް މައުމޫންގެ މިދަތުރުފުޅަކީ ޕީޕީއެމްއަށް ތާއީދު ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްއަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް. މިދަތުރުފުޅުގައި އެކިއެކި ރަށްރަށުގައި ޖަލްސާތައް ބާއްވާ ރައްޔިތުންނާ ބައްދަލުކޮށް ކެމްޕެއިން ކުރައްވާނެ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ރައީސް މައުމޫން އާއި ކެމްޕެއިން ޓީމް މިމަހުގެ 13 ވަނަ ދުވަހު އެނބުރި މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި ރަނިންމޭޓްއާއިއެކު އައްޑޫ ސިޓީއާއި ފުވައްމުލަކަށް ވަޑައިގެން ޖަލްސާތަކުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ކެމްޕެއިން ދަތުރަކުން ފެނިފައިނުވެއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސީއެންއެމްއިން ކުރިން ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ ރައީސް މައުމޫން ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ޕީޕީއެމްގެ އެދުމުގެ މަތީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ