ރާއްޖެ ޓީވީއާ ދެކޮޅަށް ކްރިމިނަލް ކޯޓުން އެޅި ފިޔަވަޅު ބަލައެއް ނުގަނެވޭނެ: އެމްއެމްސީ

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބުނެފި އެވެ.
އެމްއެމްސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ރާއްޖެ ޓީވީއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ފިޔަވަޅު އެޅުމާއި ގުޅިގެން އެކޯޓާ މަޝްވަރާކުރެވިފައިވާ ކަމަށެެވެ. މޮންދު ވިދާޅުވީ މަޝްވަރާތަކަށް އަދި ހައްލެއް ނައިކަމުގައި ވިޔަސް އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންގޮސް އެމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި މޮންދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނޭ އަބްދުލް ބާރީ ޔޫސުުފާއި ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒު މުހުސިން ކެފޭއެއްގެ ތެރޭގައި ކޮފީ ބައްލަވަން އިންނެވި ކަމަށް ބުނާ މަންޒަރު ވީޑިއޯ ކުރި ރާއްޖެ ޓީވީގެ ނޫސްވެރިންގެ އަތުގައި ހުރި ވީޑިއޯތައް ފޮހެލަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންވެ އެކަން ހިނގާދިޔަ ގޮތް އެ ކައުންސިލުން ބަލަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިހާތަނަށް ހޯދުނު މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ ޓީވީގެ ނޫސްވެރިން ބުނެފައިވަނީ ފުލުހުން އެތާ ތިއްބައި ވީޑިއޯތައް ފޮހެލަން އެންގީ ބޭރުން އައި ބައެއް ކަމަށް މޮންދު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެ ކައުންސިލްގެ މެމްބަރު އަހްމަދު ހަމްދޫން ވިދާޅުވީ ވަކި މީޑިއާއަކަށް ޝަރީއަތްތަކަށް ނުވަދެވޭ ގޮތަށް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށެވެ. ހަމްދޫން ވިދާޅުވީ ވަކި ނޫސްވެރިއަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި ވަކި މީޑިއާއެއް އެއްކޮށް ޝަރީއަތްތަކަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އަޅަން ޖެހޭނީ އެ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅިގެން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކަވަރު ކުރުމުގައި ވެސް ނޫސްވެރިންނަށް އުދަގޫތަކަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. މުޒާހަރާތައް ކަވަރު ކުރުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދަތިކުރާ މައްސަލައިގައި މިހާރު ފުލުހުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި މަޖިލީހުގެ ލައިވް ފީޑް ކަނޑާލާ މައްސަލަވެސް ބަލާނެ ކަމުގައި އެ ކައުންސިލުން ބުންޏެވެ.
ކޯޓަށް ހާޒިރު ކުރާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑީއޯ ނެގޭނެ ފަދަ ގޮތެއް ހަމަޖައްސައި ދިނުމަށްވެސް ފުލުހުންނަށް އެދިފައިވާނެ ކަމަށާއި، މުޒާހަރާތައް ކަވަރު ކުރުމުގައި ނޫސްވެރިން އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ނެތުމުގެ ސަބަބުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ