ޢީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގަދައަށް ވިއްސާރަކުރުން އެކަށިގެންވާ ކަމަށެވެ.
އާންމު ގޮތެއްގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 15 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ވައި ބާރުވެ ގަޑިއަކު 40 މޭލަށް ވައިޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ، މޫސުން އެންމެ ގޯސްވާނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ.
ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުގެ އިތުރުން ދިވެހިރާއްޖޭގެ ދިފާއި ބާރު (އެމްއެންޑީއެފް) އިން ވެސް އެދެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުގެ ޗުއްޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ޢާއިލާއާއި ރަހްމަތްތެރިން ކައިރިއަށް ދަތުރު ކުރަމުންދާ ދުވަސްވަރެއް ކަމުން، ކަނޑުމަގުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރައްވައިގެން ކަނޑުމައްޗަށް އެރުއްވުމަށް ދިފާއި ބާރުން ވަނީ އިރުޝާދު ދީފައެވެ.
އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދިފައެވެ.
އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ، މޫދު ކުޅިވަރު ކުޅޭ ފަރާތްތަކުން ވެސް ސަލާމަތީ ކަންކަމަށާއި މޫސުމަށް ބައްލަވައިގެން މިފަދަ ކަންކަން ރޭއްވެވުމަށް ވެސް އެމްއެންޑީއެފް އިން އެދިފައިވެއެވެ.
ފާއިތުވެ ދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޢީދު ބަންދާ ދިމާކޮށް ކޯސްޓްގާޑުން ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ޢީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ