ވެރިކަން ކުރަނީ ލާމަރުކަޒީ އުސޫލު ދަންނަ ބައެއް ނޫން: މެމްބަރު ޝިޔާމް

ވެރިކަން ކުރަނީ ލާމަރުކަޒީ އުސޫލު ދަންނަ ބައެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިންނަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިގޮތަށް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް އިސްލާހު ގެންނަން މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)އިން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް ބާރުތައް ދިންފަހުން އަހަރުވީ އިރުވެސް އެދެވޭ ނަތީޖާއެއް ނުފެނުނު ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހަދަން ޖެހޭ އިރު މިހާތަނަށް ވެސް އެޕްރޫވް ކުރީ އެންމެ ހަތް ރަށެއްގެ ލޭންޑް ޔޫސް ޕްލޭންކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ ހުރެ ކައުންސިލްތަކަށް މީހުން ވެސް އައްޔަނުކުރަން ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި އެކަމާ ހުރެ ކޮންޓްރެކްޓަށް މީހުން ނަގަން ޖެހޭތީ ގާބިލު މީހުން ނުލިބޭ ކަމަށް ވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލްތަކުގައި ހުރި އިދާރީ މައްސަލަތައް ހައްލުކުރަން ޝިޔާމް ގޮވާލެއްވިއެވެ.
ލާރުމަޒީ ގޮތުން ކައުންސިލްތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ދާދި ފަހުން ޝިޔާމް ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ