ކުންފުނިތަކުގެ ފްލެޓުތަކަށް އަންނަ ސެޕްޓެމްބަރު ކަރަންޓު ފޯރުކޮށްދޭނެ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފްލެޓުތަކަށް އަންނަ ސެޕްޓެމްބަރުމަހު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް - ސީއެމްއީސީ ކުންފުންޏާއި ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައި ކަމަށެވެ.
އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުންކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި، މައި ސަބްސްޓޭޝަންގެ އަމަލީ މަސައްކަތްކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި ދެ ވަނަ ފިޔަވަހީގައި ހުރި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކަށް ސްޓެލްކޯއާއި އެ ފަރާތްތަކާމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ ކޯޕަރޭޝަނުން ޙަރަދުކޮށް ސްޓެލްކޯއާއި ބްރައުންސް–ސީ.އެމް.އީ.ސީއާ ހަވާލުކޮށް ކަރަންޓު ނެޓްވޯކެއް ޤާއިމްކުރެވިފައިވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި ސްޓެލްކޯއާއި ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަންވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން ބުނީ މިވަގުތު ހުރި ދަތިތަކާއި އެކު އަމަލީ މަސައްކަތްތައް ލަސްވެފައިވީ ނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް ސެޕްޓެމްބަރުމަހު ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ