ގައުމީ ދިފާއީ ބާރުގެ ފަޚްރުވެރި އެއްގަމުގެ ލަޝްކަރަކީ މެރިން ކޯރ: އަބްދުﷲ ޝަމާލް

ގައުމީ ދިފާއީ ބާރުގެ ފަޚްރުވެރި އެއްގަމުގެ ލަޝްކަރަކީ މެރިން ކޯރ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދިފާއީ ބާރުގެ މެރިން ކޯރގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަސްދީގަތުމެއްގައެވެ.
މި ޔުނިޓަކީ މީގެ 35 އަހަރު ކުރިން ޓާސްކް ފޯސް ޔުނިޓެއްގެ ގޮތުގަ އުފެދުނު ޔުނިޓެއް ކަމަށާއި އެހެންނަމަވެސް 1990ގެ އަހަރުތަކުގެ ތެރޭގަ ކުއިކް ރިއެކްޝަން ފޯސްއެއްގެ ގޮތުގަ ގާއިމްކުރެވި އަދި މިހާރު މިވަނީ ފުލް ފްލެޖް މެރިން ކޯރގެ ގޮތުގައި ކޯރ ގާއިމް ކުރެވިފައި ކަމަށް ޝަމާލް ވިދާޅުވިއެވެ.
މިހާރު މެރިން ކޯރ ގެންދަނީ ބޭރުގެ އެކިއެކި ގަައުމުތަކާއެކީ އަސްކަރީ ތަފާތު ސްޕެޝަލައިޒްޑް ޓްރެއިންގްތައް ކުރިއަށް ގެންދަމުންކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ މެރިން ކޯރއަށް ބޭނުންވާ އެކިއެކި ހުނަރާއި އުކުޅުތައް ދަނީ ދުވަހެއް ދުވަހަކަށް އަށަގަންނަމުން ކަމަށެވެ.
މި ކޯރގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ރަށްތަކާއި އެއްގަމު ސަރަހައްދާއި އެއާޕޯޓްތަކާއި ދައުލަތުގެ ޚާއްސަ މަރުކަޒުތައް ހިމާޔަތް ކުރުން ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
މި ދުވަހާއި ގުޅިގެން ކޮމަޑާންޓް މެރިން ކޯރ ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ އެއްގަމާއި ކަނޑުގެ އަސްކަރީ ހަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ ބަޔަކީ މެރިންސް ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން މެރިންސް އަންނަނީ އެއްގަމުގެ ބާރުގެ ގޮތުގައި މަސައްކަތް ކުރަމުން ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގަ މެރިންސްއަށް އެކި ގޮތްގޮތުން ކުރިއެރުންތައް ވަނީ ލިބިފައި ކަމަށާއި އޭގެ ތެރޭގައި ރީ-ސްޓަކްޗަރ ކުރެވި އޯގަނައިޒޭޝަންތަކަށް ބަދަލު ގެނެވި ވަސީލަތްތައް ދަނީ ލިބެމުންކަން ވައިސް ވަހީދު ފާހަގަކުރެއްވިއެވެ.
އަދި މެރިން ކޯރ އިން ހިންގަން ޖެހޭ އެއްވެސް ކަމެއްގަ ފަހަތަށް ނުޖެހި ދީނާއި ގައުމުގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގަ ގުރުބާނީ ވުމަށް އަބަދުވެސް ތިބޭނީ ތައްޔާރަށް ކަން ވައިސް ވަހީދު ފާހަގަކުރެއްވިއެވެ.
މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ޚާއްސަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޚާއްސަ ޔުނިޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ