ވެެލެންސިއާ ބަލިކޮށް މާޒިޔާއަށް އަށް ޕޮއިންޓުގެ ލީޑެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މާޒިޔާއިން ނޭޕާލުގެ ގޯލްކީޕަރު ކިރަން ކުމާރަށް ފުރުސަތު ދިިންއިރު، ލީގު ބްރޭކަށް ފަހު އަލުން ފެށި ފަހުން މާޒިޔާއިން މީގެ ކުރިން ކުޅުނު ތިން މެޗުގައި އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ. އަދި މާޒިޔާގެ ލޯނު އެއްބަސްވުމުގެ ދަށުން ވެލެންސިއާއަށް ކުޅެމުން އަންނަ މުޙައްމަދު އުމެއިރަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
މި މެޗުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ފޮނުވާލި ބޯޅަ ވެލެންސިއާ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ޝޮޓެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ހަމްޕު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯނޭއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގައި އެ ޓީމުގެ ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓާލް ބޮލުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ފައިސަލް ވަނީ ހުއްޓުވާފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
މި މެޗު ވެލެންސިއާއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އަސްހަދު އަލީ (އަޑޭ) އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އަޑޭއަށް ސީދާ ރަތް ކާޑެއް ދެއްކީ މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
މި މޮޅާއެކު މާޒިޔާއިން ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ކުޅުނު 16 މެޗުން ވަނީ 45 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 15 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، އެ ޓީމަށް މާޒިޔާގެ ލީޑު ކުޑަކުރެވޭނެއެވެ. އަދި ވެލެންސިއާ އޮތީ ލީގު ތާވަލުގެ ތިންވަނައިގައި 16 މެޗުން 22 ޕޮއިންޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ