ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ބަދަލުގެ ގޮތުގައި އެދިފައި ވަނީ ދެ ބިލިއަން ރުފިޔާ އަށް

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ދެ ބިިލިއަން ރުފިޔާގެ ބަދަލަށް އެދިފައިވާ ކަން އެނގިއްޖެ އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްސްއާ އެކު 2013 ވަނަ އަހަރު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެކަމަކު، އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން އެ ކުންފުންޏާ އެ ފަޅު ހަވާލު ކޮށްފައި ނުވާތީ އެ ކުންފުނިން މިދިޔަ އަހަރު އޮތީ ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެއީ، އާބިޓްރޭޝަންގައި އޮތް މައްސަލައަކަށް ވާތީ، އެ މައްސަލާގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ޕްރައިމް ކެޕިޓަލްސް އިން އެދޭ ބަދަލުގެ އަދަދު ދެ ބިިލިއަން ރުފިޔާ އަށް އަރަ އެވެ.
އަދި، އެ މައްސަލައާ ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމްގެ މައްސަލައެއް ވެސް އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ
ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ޕްރައިމް ކެޕިޓަލްއާ އެކު، އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ސަރުކާރުން އުފައްދާފައެއް ނުވެ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އޭގެ ފަހުން، އެ އެއްބަސްވުން އުވައިލިކަން ސަރުކާރުން ހާމައެއް ނުކުރިޔަސް، އޮކްޓޫބަރު، 2016 ގައި ފުށިދިއްގަރު ފަޅު 72 މިލިއަން ޑޮލަރަށް ވިއްކާލަން ސަރުކާރުން އޭރު އިއުލާންކުރި އެވެ. އެކަމަކު އެތަން ވިކިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ