ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ދޭ ފުރަތަމަ އެވޯޑް، "މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް" ތައާރަފްކޮށްފިއެވެ.
ކޮމާކޯޅި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްނަގައިގެން ދޭން ނިންމާފައިވާ އެވޯޑް، ޓުއަރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ އެންޑޯސްކޮށްފައެވެ.
އެވޯޑް ތައާރަފުކުރުމަށް، އުނިމާ ގްރޭންޑް ހޮޓެލްގައި މިރޭ ބޭއްވި ހަފުލާގައި، ޓީމްގެ ފަރާތުން އެވޯޑް އެންޑާޒްކުރި ކަމުގެ ލިޔުމުގައި ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (އަބޯ)އެވެ. އަދި ޓީމްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މައުރޫފް ޒާކިރެވެ.
އެވޯޑާއި ގުޅޭގޮތުން ވާހަކަދައްކަވަމުން "ކޮމާކޯޅީގެ" އެމްޑީ އަބްދުﷲ މުހައްމަދު ވިދާޅުވީ، ކޮމާކޯޅި ކުންފުނީގެ ފަރާތުން އިސްނަގައިގެން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެވޯޑެއް ތައާރަފުކުރަން ނިންމީ، އެ ދާއިރާގައި މިހާތަނަށް އެވޯޑްތައް ދެމުން އައީ ކުންފުނިތަކާއި މެނޭޖްމެންޓް ލެވެލްގެ ފަރާތްތަކަށް އެކަނި ކަމަށްވާތީ ގިނަ ދުވަހު ފަތުރުވެރިކަމަށް ޚިދުމަތްކުރި ފަރާތްތަކާއި، ނަމޫނާ ޚިދުމަތްތެރިންނަށް ހިއްވަރު ދިނުމަށް ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ސާޅީސް އަހަރު ވެފައިވާއިރު، މިއަދު ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ވަރުގަދަ ބްރޭންޑެއް. ނަމަވެސް މިހާތަނަށް އައިއިރު، ދާއިރާގެ މަސައްކަތްތެރިންގެ އަގު ހައްގުވާ މިންވަރަށް ވަޒަންކުރެވިފައެއް ނެތް. އެހެންވެ، އަޅުގަނޑުމެން ދެކުނީ ކޮންމެވެސް ބައެއްގެ ވާޖިބެކޭ އެއީ އެކަން ކުރުން. އެހެންވެ މި އެވޯޑް ތައާރަފުކުރީ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
މި އެވޯޑަކީ، ރާއްޖޭގެ އެންމެ ބޮޑުސިނާއަތާއި، އެންމެ ގިނަ މަސައްކަތްތެރިން ތިބި ފަތުރުވެރިކަމުގެ ސިނާއަތުގެ އުއްމީދާ ގުޅިފައިވާ އެވޯޑެއް ކަމަށާ، މިފަދަ އެވޯޑަކަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރަމުން ދިޔަ އެވޯޑެއްކަން އަބްދުﷲ މުހައްމަދު ފާހަގަކުރެއްވިއެވެ.
އެވޯޑާއި ގުޅޭގޮތުން، ޓީމްގެ ރައީސް މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި އެވޯޑެއް ތައާރަފުކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ވަރަށް ގިނަ ދުވަސްވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން މިއީ. ވަރަށް ރަނގަޅު ނިންމުމެއް މިއީ. ވަރަށް އުފާވޭ މިކަހަލަ އެވޯޑެއް ދޭތީ. މިއީ ރަނގަޅު ފެށުމެއް." މައުރޫފް ވިދާޅުވިއެވެ.
އެ އެވޯޑް ދިނުމަށް ނިންމާފައި ވަނީ މޭއި 1 ގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށެވެ. 12 ވަރަކަށް ކެޓަގަރީއިން އެވޯޑް ދިނުމަށް ނިންމާފައިވާއިރު، ޓޫރިޒަމްގެ މައިގަނޑު ކޮންމެ ދާއިރާއަކުން ވެސް، އެންމެ ފާހަގަކޮށްލެވޭ މުވައްޒަފު ހޮވައި އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ. މި އެވޯޑްގެ އުސޫލްތަކާއި ކެޓަގަރީތައް، އަދި ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާ، ސްޕޮންސަރުންނާއި އެކު ސޮއިކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރާނެ ކަމަށް "ކޮމާކޯޅިން" ބުނެއެވެ.
ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ