ލުއި ދިން ލިސްޓުގައި ރާއްޖެ ނުހިމެނުނީ މިންގަޑަށް ނުފެތޭތީ: ބްރިޓިޝް ހައި ކޮމިޝަން

އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުނީ އެ ގައުމުން ކަނޑައަޅާފައިވާ މިންގަޑަށް ނުފެތޭތީ ކަމަށް ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ހައި ކޮމިޝަނަރާ ހަވާލާދީ ބުނެފައި ވަނީ ރާއްޖެ އިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މާ ގިނަ ދުވަސްތަކެއްނުވެ އެ ގައުމުން ކަނޑައަޅާފައިވާ މިންގަޑަށް ފެތޭނެ ކަމަަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މިންގަޑުތައް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުން ލުއިދިން ގައުމުތަކުގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ މަގުބޫލު ބައެއް ގައުމުތަކާ އެކު 59 ގައުމެއް ހިމެނެ އެވެ. އެހެންކަމުން މި ގައުމުތަކުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެ އެވެ.
ބްރިޓިޝް ހައި ކޮމިޝަނަރު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމްގެ ރޮނގުން އެ ގައުމަށް ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި މިހާރު ރާއްޖެއިން ޕޮޒިޓިވ ވާ މީހުންގެ އަދަދު ދަށްވެފައިވާއިރު ބޯޑަރު ހުޅުވާލި ނަމަވެސް އެ އަދަދު އިތުރު ނުވާނެ ކަމަށް އުއްްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދުވަސްވަރު ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަޅުގަނޑަށް ވަރަށް ގާތުން ވަނީ ފެނިފައި. ޕޮޒިޓިވްވި ޓޫރިސްޓުންގެ ޓެސްޓު ހެދުމާއި އެ މީހުން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ފުރިހަމައަށް،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުމުން އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެއީ އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް 14 ދުވަސް ކަރަންޓީނުގައި ހޭދަކުރަން ޖެހޭނެތީ އެވެ. ނަމަވެސް އެ ގައުމުގެ ޓްރެވެލް އޭޖެންޓުން ބުނާ ގޮތުގައި މި އަހަރު އެ ގައުމުގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރަން ބޭނުން ވަނީ ރާއްޖޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ