ބޭސްފަރުވާ ހޯދާ ފަރާތްތަކާއި ދަރިވަރުންނަށް އިސްކަންދެވޭނެ، ކާޑު ލިމިޓް އިތުރުކޮށްދޭނަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ރާއްޖޭން ބޭރުގައި ޚަރަދުކުރެވޭ މިންވަރު މަދުކުރި ނަމަވެސް ބޭސްފަރުވާ ހޯދާ ފަރާތްތަކަށާއި ދަރިވަރުންނަށް ކާޑްގެ ލިމިޓް އިތުރުކޮށްދޭނެކަމަށް ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވޭނެކަމަށް ބުނެފައިވެއެވެ.
▪ އިންޓަރނެޓް ބޭންކިންގެ ސަރވިސް ޓައިޕް މެނޫގައި ހިމެނޭ ' ޓެމްޕޮރަރީ ކާޑް ލިމިޓް' ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހަޅާށެވެ.
▪ ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެއެވެ.
އަދި ހަމައެހެންމެ މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެއެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން، މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ