ކުރީގެ އުއްތަމަ ފަނޑިޔާރަކު ތުންފަތް އޮޕަރޭޝަން ކުރަން އެމްއެމްޕީއާރްސީގެ ފައިސާ ހޯދި!

ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް "ރާއްޖެ ޓީވީ" އިން ބުނެފިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ފަރާތަކުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދިން ގޮތުގައި، ކުރީގެ އުއްތަމަ ފަނޑިޔާރަކު ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާ ބޭނުންވެގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން އެދުމުން ފައިސާ ދިންކަމުގެ ހެކި ތަޙްޤީޤަށް ވަނީ ލިބިފައެވެ.
"އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ، ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި އުއްތަމަ ފަނޑިޔާރަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވެއެވެ. މައުލޫމާތު ދިން ފަރާތުން ފާހަގަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދައުލަތުގެ ޚަރަދުގައި ސިއްޙީ އިންޝައުރެންސް ހަމަޖައްސާފައިވަނިކޮށް، އޮޕަރޭޝަނެއްގެ ނަމުގައި ނަގާފައިވާ ފައިސާއަކީ އެ ބޭނުމުގައި ނަގާފައިވާ ފައިސާ ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ." ރާއްޖެޓވީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
އެވެބްސައިޓްގައި އިތުރަށް ބުނެފައި ވަނީ އެ ފައިސާ ނެގި މުއްދަތުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ކުރެއްވި ދަތުރުތަކާ އެ ފައިސާއާ ގުޅުވޭ ކަމަށާއި ނަމަވެސް ބެލިބެލުމުން އެ ދަތުރުގައި އޮޕަރޭޝަނެއް ކުރެއްވިކަން އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް، އެއީ އާއިލާއާއެކު ކުރެއްވި ޗުއްޓީ ދަތުރެއްކަން އެނގޭކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގި ދުވަސްވަރު ދެބޭފުޅަކު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގަން ފެށިއިރު އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވީ އަހްމަދު ފާއިޒު އެވެ. 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާއިޒު މަގާމުން ދުރުކުރުމުން ދެން އުއްތަމަ ފަނޑިޔާރުކަމާއި ހަވާލުވީ އަހްމަދު އަބްދުﷲ ސައީދުއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތް ބޭޒާރުވީ 2015 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބުނީ ކޮން އުއްތަމަ ފަނޑިޔާރަކަށް ކަމެއް "ރާއްޖެ ޓީވީން" ބުނެފައެއް ނުވެއެވެ. ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ އެއްވެސް ސިފައެއްގައި އޭނާ އަށް ލިބިފައި ނުވާ ކަމަށެވެ.
"28 ޖޫން 2018 އިން 18 ނޮވެމްބަރ 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު އަދާކުރި މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން. އެމްއެމްޕީއާރްސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި އަޅުގަނޑަށް ލިބިފައި ނުވާނެ. އަދި އެެއްވެސް ކަހަލަ ސާރޖަރީއެއް މިހާތަނަށް ހަދަންޖެހިފަނުވޭ. الحمد لله" ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ