ލޯބިން ބުނެލަން

(6 އޯގަސްޓް 2020 އާ ގުޅޭ)
އާޤިބަކީ މުބީންގެ ކަނާއަތެވެ. އޭނާގެ ހުރިހާ ކަމެއްގެ ސިއްރު އެނގޭ މީހާއެވެ. މުބީނަށް ޓަކައި ފުރާނަ ދޫކޮށްލަން ތައްޔާރަށް ހުރި މީހެކެވެ. ނުފޫޒާއި ބާރުގެ ގޮތުން ސިޔާސީ އެތައްބަޔަކާ ގާތް ގުޅުމެއް މުބީނާ ދެމެދު އޮވެއެވެ. މިހުރިހާ ކަމަކީ މިފްރާހަށް އަންގައިގެން ކުރަން މުބީން ބޭނުންވާ ކަންތައްތަކެއްނޫނެވެ. އެކަންކަމުގައި މިފްރާހު ބައިވެރިކުރުމުގެ ވިސްނުމެއް ވެސް މުބީންގެ ނެތެވެ. މިފްރާހު ގުޅެން ގަސްދުކޮށްފައިވަނީ ހަމީމުގެ އަންހެން ދަރިއަކާކަން މުބީން ގާތު އޭނާ ބުންޏެވެ. ކައިވެނިކުރަންކަން ބޭނުންވަނީ މިފްރާހު ބުނުމާއެކު މުބީންއަށް އޭނާގެ ކޮއްކޮއަށް އެ އަންހެންކުއްޖާ މުހިންމުވެފައިވަނީ ކިހާ ވަރަކަށްކަން އެނގުނެވެ. އާޤިބު މެދުވެރިކޮށް ކުއްޖަކު ފޮނުވައިގެން ހަމީމުގެ އަންހެން ދަރިފުޅު ހުންނަ ގޮތް މުބީން ވަނީ ބަލާފައެވެ. ހަށިގަނޑުން ބޮޑު އެހެނަސް ތަފާތު ރީތިކަމެއް ލިބިފައިވާ ސާދާ އަންހެންކުއްޖެއްކަން މުބީންއަށް ވެސް ފާހަގަވިއެވެ. މިފްރާހު ލޯބިނުވާނަމަ އެކަހަލަ އަންހެންކުއްޖަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ޚިޔާރެއްނުކުރާނޭ މުބީންގެ ޟަމީރު ޤަބޫލުކުރެއެވެ. އޭނާ އެ ހުރިހާކަމެއް ކުރީ މިފްރާހުގެ ފުރަގަހުންނެވެ. ބެދެން އުޅޭ މަޅި ނުފެންނާނޭ ބުނާތީ އޭނާ ވެސް އަޑުއަހައެވެ. އެހެންވެ މިފްރާހު ރައްކާތެރިކުރުމުގެ ގޮތުން ކުރީބައިގަ މުބީން ފިޔަވަޅުއެޅީއެވެ. އަންހެނެއް ހީލަތުގައި ކޮއްކޮ ޖެހިދާނޭ ހީވާތީއެވެ. މާލެއައިތާ ގިނަ ދުވަހެއް ނުވަނީސް އިންނާނޭ ކުއްޖަކު ކަނޑައެޅިކަމުގެ ޚަބަރަކީ މުބީން ފާޅުނުކުރި ނަމަވެސް ސިހުން ލިބިގެންދިޔަ ޚަބަރެކެވެ. އުމުރާއި ހަށިގަނޑުގެ ގޮތުން މިފްރާހު ބޮޑުވެ ޒުވާނަކަށްވެފައި ހުއްޓެއްކަމަކު މުބީންއަށް އެއީ އޭނާގެ އެންމެ ލޯބިވާ ކުޑަ ކޮއްކޮއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން އޭނާ އެންމެ އަޅާލައި، ލޯބިވާ އިންސާނާއެވެ. އަދި އޭނާއާއި ދުރުގައި ތިބި ޢާއިލާއާ ދެމެދު އެޅިފައިވާ ފާލަން ވެސް މެއެވެ.
* * * * *
ހެނދުނުގެ ނާސްތާގައި ޢާއިލާގެ މެންބަރުން ސައިމޭޒުދޮށުގައި ތިއްބެވެ. ލައިރާގެ މޫނުމަތި އިހުނަށްވުރެ ބޮޑަށް މިލާފައިވަނީ ރޭގައި ނިދި ނުލިބުމުގެ ސަބަބުންނެވެ. އެތަނުގައި ކަމެއްވެގެން އުޅޭކަން ރެއަކާނުލަނީ ފަރުޒީނަށެވެ. ސައިމޭޒުދޮށުގައި ލައިތު ބައިވެރިވިލެއް ލަސްވެގެން އޭނާ ލައިތަށް ދެތިން އެއްޗެކޭ ބުނެލިއެވެ. ވެރިވެފައިވާ އާދަޔާ ޚިޔާލު ހިމޭންކަން ފަރުޒީނަށް ފާހަގަވީ ދެނެވެ. އަނގައިން ބުނުމެއްނެތި ގަޔާނުވެ ތިބެ ނާސްތާކުރާހެން ފަރުޒީނާއަށް ހީވިއެވެ. އޭނާ ފަދައިން ޖިނާނަށް ވެސް ކަމެއް ހިނގައިފިކަމުގެ ހިލަމެއް ނުވާކަން ޔަގީނެވެ. އޭނާ ދީފައި އޮންނަ ތަވާލުގައި ކަނޑައަޅާފައިވާ ކެލެރީސް ހަމަވާނޭހެން ކެންޒާ ތައްޔާރުކޮށްފައި ހުރި ތަށިތައް ކައިރިކޮށްލައި، ކެއުމުގައި އޭނާ މަޝްޢޫލުވެލިއެވެ.
"އަސަދު، ސަރާ..." އިސްއޮބާލައިގެން މީހަކަށް ނުބަލަން އިންހެން ސަރަފީނާ އިނުމުން ފަރުޒީނު ދެ މީހުންގެ ނަމުން ގޮވާލިއެވެ. ހާސްކަން ފާޅުވެލީ ސަރަފީނާގެ ވައަތްފަރާތުގައި އިން ލައިރާގެ މޫނުންނެވެ. އޭރު ޔާދިންއާއި ލައިތުގެ އިތުރުން ސެހްރާނަށް ވެސް ތިބެވުނީ ލައިރާއަށް ބަލަހައްޓައިގެންނެވެ.
"ޒުބިން އުޅެނީ ދޮން ވަރިކުރަން." މަންމައާ ގާތްވެލައި ސެހްރާނު ބުނީ މަޑުމަޑުންނެވެ.
"ސަރާ... ތެދެއްތަ؟." ސިހުނު ވަރުން ފަރުޒީނަށް އަނގަމަތީ އަތް އަޅާލެވުނެވެ. ހަމައެހިނދު އޭނާ އަތްތިލަ ތިރިކޮށްލުމާއެކު ވަގުތުން ސަރަފީނާއާ ސުވާލުކުރިއެވެ. މާޔޫސްކަމާއެކު ފަރުޒީނަށް ބަލާލައި ސަރަފީނާ ބޯޖަހާލީ ލިބުނު ޚަބަރުގެ ތެދުކަން ޔަގީންކޮށްދިނުމަށެވެ.
"މަގޭ ދަރި!... މަންމާ، ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިންނަނީ. ޒުބިން ވެސް ދޯ!.... ރޫމާން އެކުއްޖާއާ ވާހަކައެއް ނުދައްކަންތަ؟."
"ދައްތާ!..." އަސަދު ގޮވާލިއެވެ. އެ ގޮވާލުމުން ފަރުޒީން ދެނެގެންފިއެވެ. އަސަދު އެ އެދުނީ އެ މައުޟޫޢުއަށް އިތުރު ވާހަކައެއް ނުދެއްކުމަށްކަން ފަރުޒީނަށް އެނގިއްޖެއެވެ.
"ބަޓް ވައި؟." ފަރުޒީނު ހިމޭންވީ ވަގުތު ޖިނާނުގެ އަޑު އިވުނެވެ. އޭނާ ހިމޭން ކުރުމަށް އަސަދުގެ އެންމެ ނަޒަރެއް ފުދުނެވެ. ތުންބައްދާލައި އިސް އޮބާލަމުން ޖިނާނު ކެއުމަށް ސަމާލުކަން ދިނީ ބައްޕައާ ނަޒަރު ސީދާކުރަން ނުކެރިގެންނެވެ.
ހިމޭންކަމުގައި ސުފުރާމަތިން އެމީހަކަށް ޚާއްޞަ ތަށިތަކުން ކޮންމެ މެންބަރަކު ކަމުންދިޔައެވެ. މޭވާތަށިން ނެގި ދޮންކެޔޮވަށް ކަމުންދިޔަ ލައިތުގެ ލޯ މޭޒުދޮށުން ފަހަރަކު މީހަކަށް ހުއްޓެމުންދިޔައެވެ. ޚާއްޞަކޮށް މާމައާއި ބައްޕައަށެވެ. ހަމައެއާއެކު ފަރުޒީނާއި ސަރަފީނާއަށެވެ. އެތަނުގައި ބަސްކިޔަން ތިބޭނެ ބަޔަކީ އެއީކަން ލައިތަށް އެނގެއެވެ. ދޮންކެޔޮވަށް ކާލައި ތޮށިގަނޑު ތަށީގައި ބާއްވަމުން އޭނާ ފުންނޭވާއެއް ލިއެވެ. އެއްބައި ބޮއެފައި ހުރި އޮރެންޖު ފަނިތަށި ނެގުމުގެ ބަދަލުގައި އޭގެ ކައިރީ ހުރި ފެންތަށި ނަގައި އަރުތެރެ ތެތްމާލިއެވެ. އެއަށްފަހު އަނެއްކާ ވެސް އެންމެންނަށް މޫނަށް ބަލާލިއެވެ. ވާހަކައެއް ބުނަން ވެފައި އެބައޮތްކަން ލައިތު ހާމަކުރީ ދެނެވެ. ވަގުތުން މޭޒުދޮށުގައި ތިބި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ. ލައިތުގެ މިޒާޖުގެ ގޮތުން އޭނާ ބުނަން އުޅޭ ވާހަކައެއް ލަފާކޮށްލަން ވެސް އެތަނުން މީހަކަށް ނޭނގުނެވެ. އެހެންވެ އެންމެން ވެސް އޭނާ ބުނާނޭ އެއްޗަކަށް އިންތިޒާރުކުރިއެވެ.
"ކެންޒާއާ އަޅުގަނޑު އުޅެނީ ރައްޓެހިވެގެން. ދުވަސްކޮޅެއްވެއްޖެ... އެނގޭ އެއީ މިގޭ ޝެޕްކަން، އެކަމަކު މިހާރު އެއީ އަޅުގަނޑު ގާލްފްރެންޑް." ލައިތުގެ އަޑުގައި ޖެހިލުންވުމެއް ނެތެވެ. އޭނާ ބުނަން ބޭނުންވި ބަސްތައް ނިކަން ސާފުކޮށް އަމުނާ އެންމެނަށް އިއްވާލައިފިއެވެ.
އަސަދުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ނަޒަރު ކަނާއަތްފަރާތުގައި އިން ކަސްތޫރީއާ އަމާޒުވެލިއެވެ. ކަސްތޫރީ އިނީ ލައިތަށް ބަލަން އިން ގޮތަށެވެ.
"ދެން މާމަ ބުނަންވީ ކީކޭ؟." ލައިތުގެ ވާހަކައާ މެދު ހިތްހަމަޖެހިފައި އިންކަން ކަސްތޫރީގެ ތުންފަތުން ފޮރުވަން މަސައްކަތްކުރި ހިނިތުންވުން ހެކިދެއެވެ.
"ކިހިނެއް ހިނގިކަމެއްތީ؟. ކޮންއިރަކު؟." އަޖައިބުވެފައި ލައިރާއަށް ބުނެވުނެވެ.
"ޝީ އިޒް ކޫލް، އެކަމަކު އޭނާއަށް ޗޫޒްކުރަން އެނގުނީ ޒިންބެތަ؟." ކެންޒާ ގުޅެން ލައިތު ކަމަކުނުދެޔޭ ބުނާކަހަލަ ރާގެއްގައި ޖިނާނު ބުންޏެވެ. ވަގުތުން ލައިތުގެ ދެބުމަ ކައިރިވެލިއެވެ.
މޭޒުދޮށުގައި ތިބި އެންމެންގެ ސަމާލުކަން ލައިތަށް ހުއްޓިއްޖެއެވެ. ޔާދިން ފިޔަވާ އެންމެންގެ ސުވާލުތައް ކުރިމަތިވިއެވެ. މިލާފައިވާ ލައިރާގެ މޫނުމައްޗަށް ދިރުން އައިސް ތުންފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ. ކެންޒާއާ ލައިތު ދުރުކުރުމަކީ އުނދަގޫކަމެއްކަން ސެހްރާނު ފާހަގަކުރިއެވެ. އެންމެންގެ ތެރޭ ދިމާކޮށްލަން ލިބުނު ފުރުޞަތުގެ ބޭނުން ރަނގަޅަށް ސެހްރާނު ހިފިއެވެ. ކެންޒާއާ ބައްދަލުކުރާނޭކަން ކަސްތުރީ އިޢުލާންކުރިއެވެ. ލައިތުގެ ހޮވުމާ މާމަ ދެކޮޅުނޫންކަން ހާމަކުރުމުން، ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ލައިތު ހިތްހަމަޖެހުނީ ކެންޒާއަކީ މިހާރު އޭނާގެ ހައްޤެއްކަން ހާމަކޮށްދެވުނީމައެވެ. އޭނާގެ ގަސްދަކީ އެކަކު ވެސް ކެންޒާގެ މައްޗަށް ތުޙުމަތު ކުރާނޭ ފުރުޞަތު ނުދިނުނެވެ. އޭނާ އެ ދެމެދުގައިވާ ހަޤީޤަތް ހާމަނުކޮށް އިތުރަށް ލަސްކޮށްފިނަމަ ލައިރާގެ ބަރުބާދީގެ އަސްލަކީ ކެންޒާކަމުގައި އެ ޢާއިލާއިން ނިންމަފާނޭކަމުގެ ބިރު ލައިތުގެ ހިތުގައިވިއެވެ. ރޭގެ ނިދިން އޭނާ މަހުރޫމް ކުރުވީ އެ ޚިޔާލުތަކެވެ. ޒުބިންއާއި ކެންޒާގެ ޚިޔާލުތަކުންނެވެ. ޒުބިންގެ ގަސްދަކީ ކެންޒާ ހޯދުން ކަމަށްވެއްޖެއްޔާ، އޭނާއާ ކުރިމަތިލާން ލައިތު ހުރީ ތައްޔާރަށެވެ. ކެންޒާގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒު ހިނގިޔަކަ އޭނާ ނުދޭނެއެވެ.
* * * * *
މަންމަ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ވެސް ކައިފް ޚިޔާރުކުރީ ހިމޭންކަމެވެ. އެހެންނަމަވެސް އޭނާ އެ އިނީ ފުން ޚިޔާލެއްގައެވެ. މެންދުރުގެ އެވަގުތުގައި މެދުގޯތިތެރޭގައި އެންމެ ހިޔާކޮޅެއް ވެސް ނެތެވެ. ރޯނުގައި ހިކިފައި ހުރި ތުވާއްޔާއި ބެޑްޝީޓު ނަގަން އުޅުނު މަންމައަށް ކައިފްގެ ނަޒަރު އަމާޒުވެފައި ހުރި ކަހަލައެވެ.
"އަހަރެން ރަނގަޅަށް ހުރިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް. ކެންޒާ، މިފްރާހުގެ އަތްދަށުން ސަލާމަތްކުރަން ބޭނުންވިޔަސް، ކުރެވޭނެކަމެއްނެތް. އަހަރެމެން އުޅެން ހުރި ތަނަކީ މީ. އަބަދު ކެންއަށް ބަރޯސާވާން މިޖެހެނީ، އޭނާއަށް މިނިވަންކަމެއްނެތް... އަހަރެން މީ ބޭބެ، ޢާއިލާގެ ދޮށީ ކުއްޖާ... ޢާއިލާތަކުގައި ހަގަށް ތިބޭ ކުދީންގެ ޒިންމާ ނަގަން ހުންނާނީ އެ ޢާއިލާގެ ދޮށްޓަށް ހުންނަ ކުއްޖަކު، އެކަމަކު މި ޢާއިލާގެ މުހުތާދުތައް ފުއްދުމުގައި ހޭބޯނާރާ އެ އުޅެނީ އޭނަ. އަހަންނަށް މަސައްކަތެއް ކުރެވޭނެ ދުވަހެއްވެސް ނޭނގެ. ގޭގެ އިސް ފިރިހެނެއްގެ ގޮތުގައި އަހަރެން ހުރިނަމަ އެގޮތަށް ފިރިހެނަކަށް މިގެއަށް ވަދެވުނަ ނުދޭނަން. ނަމައަކުން ވާނޭކަމެއްނެތް.... ބައްޕަ އެހުންނަނީ ރުފިޔާ ބޭނުންވެފައި، މަންމަ އެދެނީ އަހަރެމެންގެ މިހާރުގެ ހާލަތު ބަދަލުވާނޭ ދުވަހެއް ދުށުމަށް. ކަރުހިއްކައިގަނެފައިވާ މީހާއަށް ލޮނުފެން ލިބުނަސް ބޯލާނެކަން ޔަގީން. އަހަރެމެންގެ ހާލަތު އެނގިހުރެ މިފްރާހު ހުރިހާ ކަމެއް އެކުރަނީ... އަހަރެމެންނަކީ ކެންޒާގެ ބަލިކަށިކަން. އަހަރެމެންނަށް ޓަކައި އޭނާގެ ހުރިހާކަމެއް މިނިވަންކުރާނެ."
"އަދިވެސް ހުސްނުވޭ... ބޮލުގަ ރިއްސަނީތަ؟." ބަދިގެއަށް އައިސް ވަން މިންނާ ވާހަކަދެއްކިއެވެ. ކައިފްގެ ބަތްތަށި ކުރިއަށް ނުދާކަން މިންނާއަށް ފާހަގަވިއެވެ. އެއާއެކު ކައިފްގެ ނިތަށް ގިނަވެފައިވާ ރޫތަކާއި އެ ދެލޮލުގައިވާ ހާސްކަމުގެ ޝުޢޫރު މިންނާގެ ހިތްބިރުގެންނެވިއެވެ. އޭނާ އަވަސްއަވަހަށް އައިސް ކައިފްގެ ނިތްކުރީގައި އަތްލިއެވެ. ހުންވައްތަރުވީތޯ ބަލާލުމަށެވެ.
"އަހަރެން ރަނގަޅޭ... މަންމަ އިށީނދެބަލަ. ބަތްތަށި މިހުސްކޮށްލަނީ." ނިތްކުރީގައި ޖައްސާލި މިންނާގެ އަތްތިލައި ދެއަތުން ހިފާލަމުން ކައިފް ބުންޏެވެ.
"މަންމަ ހިތްހުއްޓިދާނެ އަލުން ދަރިފުޅު އެހާލުގައި އޮންނަތަން ބަލަންވެއްޖެނަމަ." ކައިފްގެ ކުރިމަތީ މޭޒުދޮށުގައި މިންނާ އިށީނެވެ. ސަމްސަލުން ބަތްތަށި ހާވާލާފައި އަނެއްކާ ވެސް މަންމައަށް ކައިފް ބަލާލިއެވެ.
"އިރާދަކުރެއްވިއްޔާ މިދެން ރަނގަޅުވީ، މަންމައާއި ކެން ބަލަން ތިބޭތި... ދެތިން މަސްތެރޭ މިގައިގަ މަސްޖަހާލާނެ، އޭރުން ދެން އޮންނާނީ އަނެއްކާވެސް ދުވަން ނުކަންނަންވެފަ، މިފަހަރު ނުކުންނާނީ ކެން ވެސް ގޮވައިގެން... ދުވަސްކޮޅަކުން މަންމަ ތިހުންނަހާ ލޫޅާފަތިކޮށް ކެން ހުންނާނީ. އަންނަ އަހަރު މާޗުގަ ކެން ގްރެޖުއޭޓްވާނެ، މަންމަ ގޮވައިގެން އެ ޙަފުލާއަށް ދާނީ އަހަރެން." ކައިފް ފުޅާ ހިނިތުންވުމެއް މަންމައާ ބަދަލުކޮށްލިއެވެ.
"ކައިފް!، މަންމަ ދެއްކި ވާހަކައަށް އެއްވެސް އެއްޗެއް ނުބުނަމެންނު، މަންމަ ގޮތެއް ނިންމަން ބޭނުންވަނީ ދަރިފުޅުމެންގެ ޚިޔާލު އެނގުނީމަ." މިންނާ ކުރިން ދައްކާފައި އޮތް ވާހަކައަށް އިޝާރާތްކުރިއެވެ.
"މަންމައަށް ފެންނަ އެއްޗެއް އަޅެ ބުނެބަލަ، ހައްތަހާ ވެސް އޭނާގެ ގޮތެއް ނޭނގޭތީ. އަހަންނަށް ހިޔެއްނުވޭ ކެން ވެސް އޭނާއަށް އިތުބާރުކުރާހެނެއް. އަމިއްލައަށް މާ ގުޅާލަންވެގެން އުޅޭހެން މަންމައަށް ހިޔެއްނުވޭތަ؟." ކައިފްގެ ވާހަކަތަކުން މަންމައަށް އެއްޗެއް ވިސްނޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ.
"އެކި މިޒާޖުގެ ކުދީން އުޅޭނެ، މަންމައަށް ހީވަނީ މިފްރާހުގެ ޢާއިލާއާ ދުރުގައި ހުންނާތީ އޭނާ ބޭނުންވަނީ ކަންނޭނގެ ޢާއިލާއެއްގެ ތެރޭ ޝާމިލުވާން. އެހެންވެ އަހަރެމެންނަކީ ވެސް އޭނާގެ ޢާއިލާކަމުގައި ދެކެނީކަމަކަށް ވެދާނެ... އޭނާ ބޯދިގުކޮށްފައި ހުއްޓެއްކަމަކު، މިއުޅޭ ވިޔާނުދާވެގެން އުޅޭ ކުދީން ފާޑެއް ނުޖަހާ." މިންނާ ބުންޏެވެ.
"އެކަމަކު މަންމާ... ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް މަންމައަށް މަންމާއޭ ކީމަ ވިއާޑެއްނޫންތަ؟." ކައިފް ލޯހިމަކޮށްލިއެވެ. ދަރިފުޅުގެ ހަރަކާތްތަކުން މިންނާ ހީނލީއެވެ.
"މަންމައަކަށް މަންމާއޭ ބުނުމަކުން ގޯހެއްނޫން، އޭނާ މަންމައޭ މުޚާޠިބުކުރީ އިޚްތިރާމުގެ ގޮތުން، އަމިއްލަ މަންމައާ އެއްދަރަޖައަށް މި މަންމައަށް ވެސް އޭނާ ޤަދަރުކުރާކަން... މި މަންމައަކީ އޭނާއާ ގުޅުމެއްނެތް މީހަކަށް ވިޔަސް އޭނާ މި މަންމައަށް އެދިނީ ވަރަށް ބޮޑު ޝަރަފެއް." ހިނިތުންވެލައިގެން އިނދެ މިންނާ ކިޔާދިނެވެ.
"މަންމަ މާ އަވަހަށް މީހުންނަށް ޓްރަސްޓްކުރަނީ." ކައިފް ބުނެލިއެވެ. އެއާއެކު މިންނާގެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ.
"ތިކަން މަންމަ ޤަބޫލުކުރަން، މަންމައަށް އާދެވެފަހުރީ އެންމެންގެ ކުރިމަތީ ވެސް ތެދުބަހުން ވާހަކަދައްކަން، މީހުންނަށް މަކަރު ހަދައި އޮޅުވާލާކަށް ދަހެއްނުވޭ... މީހަކާ ބައްދަލުވާހިނދު ބަލަނީ އޭނާގެ ކިބައިގަ ހުރި ރަނގަޅު ސިފައަށް، ކޮންމެ މީހަކާމެދު ވެސް ހެޔޮކޮށް ހިތަނީ، ބަދަލުގައި އަނިޔާ ލިބެނީ ކީއްވެކަމެއް ނޭނގެ." މިންނާ ބުންޏެވެ.
"މަންމަ ތިހާ ވިސްނާނެކަން އެނގޭނަމަ އެހެނެއްނުބުނާނަން، ސޮރީ މަންމާ... ދެން ބުނެބަލަ، މަންމަ ގަސްދުކުރަނީ މިގެ ހަދަން މިފްރާހަށް ހުއްދަދޭންތަ؟." ކައިފް ސީދާ އެނގެން ބޭނުންވި ސުވާލުކުރިއެވެ.
"ދަރިފުޅުމެން ރުހެންޏާ އެހެންކަމަށް، މިހާ ދުވަސްވީއިރު މިގޮތަށް މީހަކު ނާހާ، އޭނާ ބޭނުންވަނީ އެންމެ ތިރީގައި ގަރާޖު ހަދަން. ދެން ހުރި އެއްވެސް ބައެއްގެ ބޭނުން އޭނާ ހިފާނޭ ވާހަކައެއް ބައްޕަ ނުބުނޭ. މިފްރާހުއާ ވާހަކަދެއްކީމަ އެނގޭނީ އޭނާ ގަސްދުކޮށްފައި އޮތް ގޮތެއް... ހެދިފަ ހުރިއްޔާ ދަރިފުޅުމެންނަށް ވެސް މިހާރު އުޅޭހެން އުޅޭކަށް ނުޖެހޭނެ، ދިރިއުޅުން މިނޫން ގޮތަކަށް ބަދަލުވާނެއެއްނު. ކެންޒާ ވެސް ދަރިފުޅު ވެސް މީހަކާ އިންނަ ދުވަހަކުން މިގޭގަ އުޅޭނެތަން ހުންނާނީ ތައްޔާރުވެފައި." މިންނާގެ އުންމީދު ފޮންޏެވެ. އެހެންކަން ވާނީ މަންމައަށް ބަލަން އިން ކައިފަށް ކުރިން ވެސް ހީވިއެވެ. މަންމަ އެގޮތް ބޭނުންވުމަކީ ކެންޒާގެ ދޫ ބަންދުވާނޭ ސަބަބުކަން ކައިފްއަށް އެނގެއެވެ.
ސަލާމް ގޮވާ އަޑާއެކު މޭޒުދޮށުން މިންނާ ތެދުވިއެވެ. އޭނާ ބަދިގެއިން ނުނިކުމެވެނީސް ފެނުނީ އެ ދިމާއަށް އަންނަ މިފްރާހެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ.
"މިހާރު ރަނގަޅުތަ މަންމާ؟." ހައިރާންކަމުގެ ތެރެއިން ހިނިތުންވެލައިގެން ހުރި މިންނާއާ ކުރިމަތިވާނޭހެން ހުއްޓުނު މިފްރާހު އަހާލީ ބޮލުގައި ކަނާއަތްތިލަ ހިންގާލަމުންނެވެ. ހިނިތުންވުން ފުޅާވެލުމާއެކު މިންނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.
"މިހާރު ހިވަނީ ހަމަ ވަރަށް ބަސްއަހާ ކުއްޖެއްހެން. މާ ރީތި ވެސް ވެއްޖެ." މިފްރާހުގެ ބޮލުގައި ކުޑަކޮށް އަތްޖައްސާލަމުން މިންނާ ބުންޏެވެ.
"އަވަހަށް އާދޭކާން... މުރަނގަތޮޅި ރިހަ ކެއްކީ، ކެވޭނެތަ؟، ދެން މަސްތެއްލިން." މިފްރާހު ވަންނަން އެއްފަރާތަށް ޖެހެމުން މިންނާ ވާހަކަދެއްކިއެވެ.
"ނުކެވޭ އެއްޗެއް ނުހުންނާނެ، ވިހައެއް ދިނަސް ކާލާނަން، ވާގޮތެއްވާނީ ކާފަހުންނު." ސަމާސާ ރާގެއްގައި މިފްރާހު ބުންޏެވެ.
މިފްރާހުގެ އަޑު އިވުމާއެކު ކައިފްގެ ސަމާލުކަން އޭނާއަށް ދީފައިވެއެވެ. އިހު ފެނުނު މިފްރާހާއި ދެންމެ ބަދިގެއަށް ވަން މިފްރާހަކީ ތަފާތު ދެމީހެއް ކަހަލައެވެ. މިފްރާހުގެ ހުޅުޖަހާލާފައި އޮންނަ ދިގު އިސްތަށިގަނޑު ހުރީ ކުރުކޮށްފައެވެ. އެއްފަރާތަށް ފުނާއަޅާފައި ހުރީ ޒަމާނީ ވަށްޓަފާޅިއަކަށެވެ. އިސްތަށިގަނޑު ދިގުކޮށް އޮތްއިރަށްވުރެ ކޮށާލުމުން ބޯކަމަށް ދައްކައެވެ. ކައިފްގެ ކުރިމަތީ މިންނާ އިނދެފައި ތެދުވި ގޮނޑި ބޭރަށް ދަމާލަފައި ހުރުމުން މިފްރާހު އިށީނީ އެ ގޮނޑީގައެވެ. ކައިފްއަށް ނިތްއަރުވާލަމުން ކިހިނެއްތޯ އަހާލީ ދެކެފަރިތަ އެކުވެރިއެއް ގާތު އަހާލާ އުސޫލުންނެވެ.
"މިއަދު ވެސް ކެން ނެތީތަ؟." މިފްރާހު އަހާލީ އާދައިގެ ގޮތަކަށެވެ.
"އަދި ނުނިމެނީހެން ހީވަނީ. މަންމަ މިހުންނަނީ މިފްރާހުއާ ވާހަކަދައްކަން ބޭނުންވެފައޭ." މިފްރާހަށް ކާން ހަދައިދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ މިންނާ ވާހަކަދެއްކިއެވެ.
* * * * *
ގ.ލިލީ ގޭގެ ބޮޑުކޮޓަރިތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެއްސޯފާގައި ހާރުނާއި ޔުމްނާ ތިއްބެވެ. އެމީހުންގެ ވައަތްފަރާތުގައި ހުރި އެކަކަށް އިށީނދެވޭނެ ގޮނޑީގައި އިނީ ކަސްތޫރީއެވެ. ހާރޫނާއި ޔުމްނާގެ ކުރިމަތީ ތިބީ ސަރަފީނާއާއި އަސަދުގެ އިތުރުން އަޒްހަރެވެ. އެމީހުންގެ މެދުގައި ދެކެވުނީ ލައިރާ ވަރިކުރަން ޒުބިން ބޭނުންވާކަމެވެ.
"ޒުބިން އެއްގޮތަކަށް ވެސް އަޑެއްނޭހި، މިކަމުގައި އެއްޗެއް ބުނަން ވެސް ނުކެރިފައި މިތިބީ، ސަރާއާ ކުރިމަތިލާނޭ ގޮތެއް ނޭނގިފަ... އަޅުގަނޑުމެންނަށް ގޮތް ހުސްވެގެން ބުނިން ލައިރާ ނޫން ކުއްޖަކު މިޢާއިލާއިން ޤަބޫލެއްނުކުރާނަމޭ، އެހެންބުނެވުނީތީ ޒުބިން ގެއިން ވެސް ނުކުތީ... ހުންނަނީ ކޮންތާކުކަމެއް ނޭނގޭ، ފޯނަށް ޖަވާބެއްނުދޭ... އޭނާގެ ރުޅި ފިނިނުވާހާ ހިނދަކު ފޯނެއް ނުނަގާނެ. އަޅުގަނޑު އެންމެ ހައިރާންވީ... ވަރިވާން މާކުރިން ވެސް ނިންމާފައި އޮތްކަން ޒުބިން ބުނީމަ، ލައިރާއަށް ވެސް އެނގޭނެޔޭ ބުނީ... ދެމެދުގައި އެއްބަސްވެގެން ނިންމި ނިންމުމެއްކަމަށް ބުނީ. ގުޅެން ގަސްދުކުރީ ކޮންކުއްޖަކާ ކަމެއް ވެސް އެނގެނީއެއްނޫން." ޔުމްނާގެ ދެ ލޯ ވަނީ ކަރުނުން ތެމިފައެވެ. އޭނާ ވެސް އަމިއްލަ ދަރިފުޅާމެދު ކަންބޮޑުވެ ހާސްވެފައިވާކަން ގައިމެވެ. ކުއްލިއަކަށް ޒުބިން އުޅެން މިފެށި ގޮތަކީ އެއްގޮތަކަށް ވެސް ހާރުނާއި ޔުމްނާގެ ރުހުމުގައި، އެމީހުންނަށް އެނގިގެން ވާކަންތައްތަކެއްނޫނެވެ. ރޫމާން އަސަދުގެ ޢާއިލާ ފަދަ ޤަދަރުވެރި ޢާއިލާއެއްގެ ކުއްޖަކާ އިނދެގެން ހުރެފައި ވަރިވާނީ މޮޔައެއްކަމުގައި އެމީހުން ޤަބޫލުކުރެއެވެ. އެމީހުންގެ ނަޒަރުގައި ޒުބިން އެއުޅެނީ އަމިއްލައަށް ހަލާކުގެ މަގު ޚިޔާރުކުރާށެވެ.
"މީހެއްގެ އެސްފީނާ އެ ދެ ކުދީންނަށް ޖެހުނީނޫންކަމެއް ވެސް ނޭނގެ." ހިތްހަލާކުވެފައިވާ މީހަކު ފަދައިން ޔުމްނާ ބުނެލިއެވެ.
"އެކަމަކު އަހަރެމެން އެބަޖެހޭ ޒުބިންއަށް ވިސްނައިދޭން. ލައިރާއަށް ނިކަމެތިކަމެއް ނުދިނަސް ޒުބިންއަށް އެހެން މީހަކާ އިނދެވިދާނެ." އަޒްހަރު ބުންޏެވެ. ސަރަފީނާއަށް އެ އަޑު އެހުން ފަސޭހައެއްނުވިއެވެ.
"ރޫމާން، ލައިރާ އެދޭގޮތަށް މިކަން ކުރާނީ. ހިނގާ ދަމާ." އަސަދުގެ އަތުގައި އަތްތިލަ ޖައްސާލަމުން ސަރަފީނާ ބުންޏެވެ. އަނބިމީހާއާ އެއްބަސްވުމުގެ ގޮތުން އަސަދު ބޯޖަހާލިއެވެ. ކަސްތޫރީގެ ޚިޔާލަކީ ކޮބާތޯ އަސަދު އެއްސެވެ. ލައިރާއާ ވާހަކަދެއްކުމަށްފަހު ގޮތެއް ނިންމާނީކަން ކަސްތޫރީ އިއްވިއެވެ.
* * * * *
"ކޮންއިރަކު ތި ދެމީހުން؟... ހައު؟..." ކެންޒާގެ ދެއަތުގައި ހިފާލައިގެން ހިނިއައިސްފައި ހުރި ލައިރާ ވާހަކަދެއްކިއެވެ. ރަކިވެފައި ހުރި ކައިރީގައި ހުރި ލައިތަށް ބަލާލާފައި ލައިރާއަށް ކެންޒާ ނަޒަރު ހުއްޓާލިއެވެ.
"ނޭނގެ... ހަމަވީ..." ބޯއަރިކޮށް ދެކޮނޑު އަރުވާލާފައި ކެންޒާ ހިނިތުންވެލިއެވެ.
"އައި އޭމް ސޯ ހެޕީ ފޯ ޔޫ... ހުރިހާ ވާހަކައެއް ކިޔާދޭން ޖެހޭނެ." ލައިރާ އުފަލުން ހިނިއައިސްފައި ހުރެ އަމުރުކޮށްލީ ސަމާސާގެ ރާގުގައެވެ.
ބަހެއްނުކިޔާ ލައިތު ހުރީ އެ ދެ އަންހެނުންގެ އުފާވެރިކަމަށް ބަލާށެވެ. އެ ދެމެދުގައި އެވަނީ ޚާއްޞާ އެކުވެރިކަމެއްކަން ލައިތަށް ދެނެގަންނަން އުނދަގުލެއްނޫނެވެ. އޭނާގެ ކުރިމަތީ ކެންޒާ ވާހަކަދައްކަން ލަދުން ހުއްޓެއްކަމަކު އޭނާ ނެތްތާ ލައިރާގެ ކުރިމަތީ މިނިވަންކަމާއެކު ކެންޒާ ވާހަކަދައްކާނޭކަން ލައިތަށް ޔަގީންވެއެވެ. އެމީހުންގެ އުފާވެރިކަން ފެނިފައިވާ ވެސް ލައިތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެއްނުވިއެވެ. އެއަށްވުރެ އޭނާގެ ސިކުނޑިވަނީ ޚިޔާލުތަކުން ނުތަނަވަސްވެފައެވެ.
"ލައިތު... އަހަރެން ކެން ގެންދަން އެބަ، ގާލްސް ވާހަކައެއް ދައްކާލަން. ފަހަތުން ނާންނާތި..." ކެންޒާގެ އަތުގައި ދެއަތުން ހިފާލައި ހިނގައިގަންނަމުން ލައިރާ ބުންޏެވެ. އެހެންވިޔަސް އެމީހުންގެ ފަހަތުން ލައިތު އައެވެ.
ލައިރާގެ އެޕާޓްމެންޓުގައި އިލިއާނާއާއެކު އިން ސެހްރާނަށް އެތަނަށް ވަން މީހުން ފެނި އުނގުގައި އޮތް ބީފާނާއި ކަނބާ ދުރަށްލައި ތެދުވެއްޖެއެވެ. އެ ކުޑަ ދެ ބުޅާ އެންމެންގެ ތެރެއިން ލައިތު ވަކިކުރިއެވެ. އޭނާގެ ފައިބުޑުގައި އެނބުރިއެނބުރިފައި ޖިންސުގައި އެލިގަނެގެން އަރަންފެށިއެވެ. އެތަން ފެނި އިލިޔާނާ އައިސް އަނެއްފަރާތުން ލައިތުގެ ފައިގަ ބައްދާލިއެވެ. ދަނޑިވަޅު ބަލާ ކެންޒާގެ އަތުގައި ހިފައިގެން ލައިރާ އައިސް ވަނީ ކޮޓަރިއަށެވެ.
ލައިރާގެ އެނދު ދައްކާލަމުން އިށީންނަން ބުނެލިއެވެ. ކެންޒާގެ ޖީބަށް ޖަހާލެވިފައި އޮތް ފޯނުން ރަނގަބީލު އެޅީ މެސެޖެއް އަތުވެއްޖެކަން ބުނެދޭށެވެ. ލައިރާގެ އެނދުގައި އިށީންނަމުން އޭނާ ފޯނު ނަގާ ބަލާލިއެވެ. ޔާދިން މެސެޖުކޮށްފައި އޮތީ ބައްދަލުކުރަން ބޭނުންވާކަން ބުނެފައެވެ. ކެންޒާ ވަގުތުން ރައްދު ފޮނުވިއެވެ. މިވަގުތު ލައިރާއާއެކު ހުރިކަމެވެ. އަދި ވަގުތުވީމަ ގުޅާނެކަމާއި އެއަށްފަހު ކޮންމެވެސް ގޮތެއް ނިންމާނީކަމުގައެވެ.
"ލައިތުތަ؟..." ލައިރާ އައިސް ކެންޒާގެ ގާތުގައި އިށީނެވެ.
"ނޫން... ގާތް ރައްޓެއްސެއް." ކެންޒާ ބުންޏެވެ.
"ކިހިނެއްތަ؟... ލައި ބަލިވެ އުޅޭހެން ހީވަނީ. ޖަވާބެއް ނާންނާތީ އުނދަގޫކުރަން ނުކެރިފަ ހުރީ." ކެންޒާ އަހާލީ ފަރުވާތެރިކަމާއެކު ލައިރާއަށް ބަލަން އިނދެއެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ