ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އަލިފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ޖުމްލަ ފަސްމިލިއަން ހަތަރުލައްކަ އަށާރަހާސް އައްސަތޭކަ އަށާވީސް ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރި މި ދަނޑުގެ ސަބްބޭސް މަސައްކަތް ކޮށްފައިވާނީ އާރްކޭއެލް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަބްބޭސްގެ ބައެއް މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންވެސް ކޮށްފައިވެއެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.
މިދަނޑުގެ މަސައްކަތް ނިމުނުކަން ޢިއުލާން ކުރައްވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިނިސްޓަރު ވަނީ މި ދަނޑުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ރަށުގެ ޒުވާނުންނާއި ކައުންސިލާއި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ ރަޢީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނިންމާލި ފަސްވަނަ ޓާފް ފުޓުބޯޅަ ދަނޑެވެ. މިދަނޑުގައި މިހާރު ކުރިއަށްދަނީ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތެވެ.
މީގެކުރިން ޔޫތު މިނިސްޓްރީއިން ވަނީ ފ.ނިލަންދޫ، ނ.ހޮޅުދޫ، ތ.ވިލުފުށްޓާއި ނ.ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ