ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައިވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާންކުރާ ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެންނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ 3 ވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ.
ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.
ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ ވަކީލުންނާއި ވާހަކަ ދެއްކެވުމުން އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޭނާ ގަބޫލުކުރާ ގޮތުގައި އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ